ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުވެސް އެއް މަސް ދުވަހަށް ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

އެކޯޓުން ބުނީ، އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިިގެން 31ވަނަ ދުވަހުގެ ނިއަލަށް ރިސެސްއަށް ދިއުމަށް ޣާޟީއިންގެ ޢާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ކޯޓު ރިސެސްއަށް ދިޔަކަމުގައިވިޔަސް، ޖިނާއީ ބޮޑެތި މައްސަލަތަކާއި، ބަންދައިމެދު ގޮތެއް ނިންމުމާއި، ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ފެށޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓް ވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފައެވެ. ހައިކޯޓު ރިސެސަށް ދިޔަނަމަވެސް ބައެއް މައްސަލަތަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށްދާނެ ކަމަށް ހައިކޯޓުން ބުނެއެވެ.

މީގެއިތުރުން އަވަސް ޠަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެއްބަސް ވެވޭ މައްސަލަތަށް މި މުއްދަތުގެ ތެރޭގައިވެސް މެދު ނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ހައިކޯޓުން މަޢުލޫމާތުދެއެވެ.

މީގެ ކުރިން ވެސް، ޢާންމު ގޮތެއްގައި ކޯޓުތަކުން ޑިސެމްބަރު މަހު ރިސެސްއަށް ދެއެވެ. ރިސެސްގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުހިނގި ނަމަވެސް އިދާރީ މަސައްކަތްތައް ހިނގާނެއެވެ.