ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގ ތަރުތީބުގައި ސައުދީއަރަބިއްޔާ އުޅެނީ 51 ވަނައިގައެވެ. އާޖެންޓީނާއާއި ބްރެޒިލްއަކީ މުޅިދުނިޔޭގެ ފުޓޮބޯޅައިގެ ކޮންމެ ރޮނގަކުން ބެލިކަމުގައިވިޔަސް އެންމެ މޮޅެތި ޓީމުތަކެވެ. އާޖެންޓީނާ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅު 3 ޓީމުގެ ތެރޭގައެވެ. ވޯލްޑްކަޕް ފެށުނީއްސުރެވެސް އާޖެންޓީނާއަކީ އެންމެ މަޝްހޫރު އެންމެ ވަރުގަދަ އެއްޓީމުވެސްމެއެވެ. ވޯލްޑްކަޕް މެޗެއްގައި އާޖެންޓީނާއަތުން ސައުދީއަރަބިއްޔާ މޮޅުވުން މިއީ ކުރެވިދާނެ ކަމެއްކަމަށް ޤަބޫލުކުރާ މީހަކު ދުނިޔޭގައި ހުންނާނެ ބާވައޭ ހިތަށް އަރައެވެ..!! އަދި ފޫޓްބޯޅަ ދިރާސާކުރާ އެއްވެސް ފަރާތަކުން މިކަންވުމުގެ ކުރިން އެއްބަސްވާނެ ކަމެއްބާވައެވެ..!!
މިފަހަރުގެ ވޯލްޑްކަޕު ފެށުނުތަނާހެން ސޯޝަލްމީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އައި އެންމެ ބާރުގަދަ އަޑަކީ ހޮލީވުޑުގެ މައްޝޫރު ފިލްމީތަރި " މޯގަން ފްރީމޭން "އިސްލާމްދީން ޤަބޫލުކުރި ވާހަކައެވެ. ނަމަވެސް މިއީ ތެދު ޚަބަރެއްތޯ ނުވަތަ ނޫންތޯ ސީދާ ކަށަވަރެއް ނުކުރެވެއެވެ.
އަބަދުވެސް ވޯލްޑްކަޕް ކުރިއަށްދާ ދުވަސްވަރަކީ ހައިރާންކުރުވަނިވި އެތަށް ކަމެއް ހިނގާދުވަސްވެރެކެވެ. ކޮންމެއަކަސް ސައުދީއަރަބިއްޔާ މުގުރާލި މިރެކޯޑާއި އެކު ވޯލްޑްކަޕުގެ ފޯރިމިވަނީ އެތައްގުނައެއް އިތުރުވެފައެވެ. ހުރިހާ ގޮތަކުންވެސް ރެކޯޑް މުގުރަމުން އަންނަ މިފަހަރުގެ ޤަތަރު ވޯލްޑްކަޕުގެ ނަޒަރު މިވަގުތު ހުއްޓިފައިވަނީ މެޗްތަކުން މިގެނުވަމުންދާ އަޖައިބު ކުރުވަނިވި ނަތީޖާތަކަށެވެ.
ކޮންމެ ހަތަރު އަހަރުން އެއްފަހަރު މުޅި ދުނިޔޭގައި ބާއްވާ އެންމެވާދަވެރި އެންމެ ބިޔަ އަދި އެންމެއަގުބޮޑު ކުޅިވަރު މުބާރާތް "ފީފާވޯލްޑްކަޕް" ގެ ފުރަތަމަ ރައުންޑުގެ މެޗްތަށް މިހާރު މިވަނީ ވަރަށްފޯރިއާއެކު ފެށިގެންގޮސްފައެވެ. އާދެ، 22 ވަނަ ފީފާ ވޯލްޑްކަޕު ފެށުނީ މިހިނގާ ނޮވެމްބަރު މަހުގެ 20 ވަނަވީ އާދިއްތަ ދުވަހުއެވެ. މިމުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 1930 ވަނަ އަހަރު ދެކުނު އެމެރިކާގެ ޔުރުގުއޭގައެވެ. އެ އަހަރު މުބާރާތް ކާމިޔާބުކުރީވެސް ހަމަ ޔުރުގޭއިންނެވެ. ފުރަތަމަ ބޭއްވުނު މުބާތުންފެށިގެން މިއަދާއި ހަމަޔަށްވެސް މިމުބާރާތުގެ ފުރަތަމަ މެޗުގައި އެއްކޮޅުން ބައްދަލުކުރަނީ މުބާރާތް ބާއްވާ ޤައުމާއި ގުރުއަތުންހޮވޭ ކޮންމެވެސް އެހެން ޤައުމެކެވެ. މި މުބާރާތުގެ މެޗުތަށް ކުރިޔަށްދާނީ މިހިނގާ ނޮވެމްބަރު މަހާއި ޑިސެމްބަރ މަސްތެރޭގައެވެ. އާދަވެގެން ޖޫން ޖުލައި މަހުގައި ބާއްވަމުން އައި ވޯލްޑްކަޕް މިފަހަރު އަހަރުގެ ފަހުކޮޅުގައި ބާއްވަން ނިންމީ ގިނަ ކުޅުންތެރިންނާއި އަދި މެޗްބަލަން ޤަތަރަށް ޒިޔާރަތްކުރާ ގިނަ ބަޔަކީ ފިނިމޫސުމަށް ފަރިތަވެފައި އަދި ޤަތަރުގެ ހޫނު މުސުމާ އެދުވަސްވަރާ އަހަރުގެ މެދުތެރެއާދ ދިމާވާތީ، މޫސުމަށް ބަލއި ޤަތަރަށް އެންމެ ހިއްގައިމު ދުވަސްވަރަކީ އަހަރުގެ ފަހުކޮޅު ކަމުގައި ވާތީއެވެ.
މިއީ މިމުބާރާތް ގަލްފު ނުވަތަ މިޑްލްއީސްޓުގައި ބޭއްވޭ ފުރަތަމަ ފަހަރުވެސް މެއެވެ. އެހެންނަމަވެސް 2002 ވަނަ އަހަރު އޭޝިޔާ ބައްރުގައި ޖަޕާނާއި ސައުތުކޮރެއާ ގުޅިގެން މި މުބާރާތް ބޭއްވިފައި ވެއެވެ.
އެހެން ފަހަރުތަކާ އެއްގޮތަށް މިފަހަރުވެސް ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ ބްރެޒިލް، އާޖެންޓީނާ، ފްރާސް އަދި އިނގިރޭސިވިލާތް ފަދަ ފުޓުބޯޅައިގައި ރަސްކަންކުރަމުން އަންނަ ޤައުމުތަށް ވޯލްޑް ކަޕްގައި ދައްކާ މޮޅުކުޅުމަށެވެ. މިމުބާރާތަކީ މުޅިދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އެންމެ ހުނަރުވެރި އެންމެ މަޝްހޫރު ވަރަށްގިނަ ފުޓުބޯޅަކުޅުންތެރިން ހިމެނޭ މުބާރާތަކަށްވާތީ، ކުޅުންތެރިން ދައްކާ މޮޅު އުކުޅުތަކާއި ހުނަރަށް ބެލުމަށް ރާއްޖެވެސް މިވަނީ ފުރިހަމަޔަށް ތައްޔާރުވެފައެވެ.
މެޗެއް ކުޅެމުންދިޔަ ގަޑީގައި އަޅުގަނޑު ބުރެއްޖަހާލިއިރު މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ފޯރިއާއެކު ބޮޑު ސްކްރީންތަކުގައިވެސް މެޗް ފަށާގަޑިއަށް ގިނަބަޔަކު ދަނީ ޖަމާވަމުމްނެވެ. ބައެއް ތަންތަން ފުރި ތޮއްޖެހުމުން މަގުމަތީގައި ކޮޅަށްތިބެގެން މެޗްބަލަމުން ދިޔަ މީހުން ވަރަށްގިނައެވެ. މެޗުތަކުގެ އިންޓަވަލް ގަޑީގައި ކުޅެމުންދާ މެޗްތަށް ދިރާސާކޮށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދަނީ މެޗާބެހޭ މައުލޫމާތުތަށް ގެނެސްދެމުންނެވެ. އެންމެ ގިނަބައެއް މިވަގުތު އިންތިޒާރު ކުރަމުންދަނީ މެސީ، އެންބެޕޭ، ރޮނަލްޑޯ ފަދަ ތަޖްރިބާކާރު އަވަސް މޮޅު ކުޅުންތެރިން އެމީހުންނަށް ލިބިފައިވާ އާދަޔާ ހިލާފު ތަޖުރިބާއާއި ހުނަރުން އެމީހުންގެ ޤައުމަށް ޝަރަފުވެރި މަޤާމެއް ހޯދަދޭން ކުރަމުން ގެންދާ ބުރަ މަސައްކަތަށެވެ.
މިމުބާރާތް ކުޅެމުންދާވަގުތު ސީދާ ސްޓޭޑިއަމްތަކުން މެޗްތަށް ބެލުމަށް ގާތްގަނޑަކަށް 1.2 މިލިއަން މީހުން ޤަތަރަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއެވެ. މިމުބާތް ބެލުމަށް ގަތަރަށް ޒިޔާރަތްކުރާ މީހުންނަށް މިވަގުތަށް އެކަނިވެސް 130،000 ކޮޓަރި ހާއްސަކުރެވިފައިވާނެ ކަމަށް މިމުބާރާތް އިންތިޒާމްކުރާ ފަރާތްތަކުން ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ. މިމުބާރާތުގެ މެޗްތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 5 ބިލިއަނެއްހާ މީހުން ތަފާތު ވަސީލަތްތަށް މެދުވެރޮކޮށް ބަލާނެކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީވެސް 2018 ގެ ވޯލްޑްކަޕް ބެލި 3.5 ބިލިއަން މީހުންނާއި އަޅާބަލާއިރު 1.5 ބިލިއަނުގެ ރެކޯޑް ބްރޭކިން ބޮޑު ކުރިއެރުމެކެވެ.
މިއީ ޝައްކެތްވެސް ނެތްގޮތުގައި މުޅި ދުނިޔޭގައިވެސް އެންމެ ގިނަބަޔެއްގެ ސަމާލުކަން އެއްފަހަރާ ހުއްޓޭ ހަމައެކަނި ކުޅިވަރު މުބާރާތެވެ. މިހާތަނަށް ދުނިޔޭގެ 42 ޤައުމަކަށް މި ވޯލްޑްކަޕުގެ މެޗްތަށް ލައިވްކޮށް ފޮނުވުމަށް ލައިސެންސް ދޫކުރެވިފައިވެއެވެ.
މިދިޔަ އޮކްޓޯބަރު މަހު 18 ވަނަ ދުވަހުން ފެށިގެން މެޗުތަކުގެ ޓިކެޓު ވިއްކަން ފަށާފައިވާ މިމުބާރާތުގައި މިހާތަނަށް ގާތްގަނޑަކަށް 2.9 މިލިއަން ޓިކެޓް ވިކިފައިވެއެވެ. 5 ގިންތިއަކަށް ބާހާލެވިގެން ޓިކެޓު ވިއްކަމުންދާ މިމިބާރާތުގައި އެންމެ މަތީ ފަންތީގެ ޓިކެޓެއްގެ މޫނުމަތީ އަގު އުޅެނީ 617 ޔޫއެސް ޑޮލަރުގައެވެ. ހަމަ އެހެންމެ އެންމެ ދަށް ފަންތިން ޓިކެޓެއް ލިބެނީ 54 ޑޮލަރަށެވެ. ފުޓުބޯޅައިގެ މައި ޖަމުއިއްޔާ "ފީފާ" އިން އަންދާޒާ ކުރާގޮތުގައި މިމުބާރާތަށް މިފަހަރު އެޖަމްއިއްޔާއަށް ލިބޭނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 7.5 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އެންމެފަހުން ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުން ލިބުނު 5.2 ބިލިއަން ޑޮލަރުގެ އާމްދަނީއާއި އަޅާބަލާއިރު 2 ބިލިއަން ޑޮލަރުގެ ރެކޯޑް ބްރޭކިން ބޮޑު ކުރިއެރުމެކެވެ.
މިފަހަރަކީ ކުރީ އަހަރުތަކުގެ ވޯލްޑްކަޕުތަކާއި އަޅާބަލާއިރު ހުރިހާ ގޮތަކުންވެސް ހައިރާން ކުރުވަނިވި އެތައް ރެކޯޑްތަކެއް މުގުރަމުން އަންނަ ފަހަރެކެވެ. ހަމައެކެނި ވޯލްޑްކަޕާއި ދިމާކޮށް ދުނިޔޭގެ މަޝްހޫރު ބޮޑެތި ޓީވީ ބްރޭންޑްތަކުން ޓީވީ ސްކްރީންތަކުގެ ސައިޒުތަކާއި، ޓީވީން ފެންނަ މަންޒަރުތަށް އިތުރަށް ސާފުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށް އާދަޔާ ހިލާފް ސައިޒބޮޑު ބިޔަ ޓީވީތަށް ބާޒާރަށް ނެރުނެވެ. ޓީވީތަކުގެ އަގުތަކަށްވެސް ހެޔޮބަދަލުތަކެއް އައިސްފައިވެވެ. ގިނަ ޢަދަދަކަށް "ޓީވީ ޕްރޮމޯޝަނަލް ޕެކޭޖް" ތައްވެސް ތަޢާރަފްކުރެވި ބޮޑަތި ޓީވީގެ އަގުތަށް އަތްފޯރާފަށަށް އަސްފައިވާކަން ފިހާރަތަކުން ފެނިގެންދިޔައެވެ. އެންމެ ފާހަގަކުރެވުނު އެއްކަމަކީ ޕްރޮޖެކްޓަރ އިސްކްރީން ސައިޒްތާއި ފަހުގެ ބޮޑެތި ޓީވީ ސައިޒުތަކާއި ގާތްގަނޑަކަށް އެއްވަރުވާން ފެށުމެވެ.
މިއަދު ގިނަބަޔަކު ސުވާލުކުރަމުން އަންނަނީ ފުޓްބޯޅަބަލާނީ ގްރޫޕްތަކާއެކު ފޯރި ނަގަމުން ޕްރޮޖެކްޓަރުން ބޮޑުއިސްކްރީންގަތޯ ނުވަތަ ގޭގެ ސިޓިންގ ރޫމުގަ ހަމަ އެސައިޒުގެ 100 އިންޗި ޓީވީ އަކުންތޯއެވެ. ބޮޑަށް ހިތްހަމް ޖެހިގެން މެޗްބެލޭނީ މި ދެގޮތުންކުރެ ކޮންގޮތެއްތޯ ނިންމަން ނޭންގިފަ ތިބި ގިނަބަޔަކު ތިބިކަންވެސް މިމުބާރާތް ފެށެން ކުޑަތަންވަމުން އައިރު ވަނީ ފާހަގަކުރެވިފައެވެ.
ކޮންމެއަކަސް މުބަރާތުގެ މެޗުތަކުގެ ނަތީޖާ މިވަގުތު ދައްކަމުންދާގޮތުން މިފަހަރުގެ ވޯލްޑްކަޕް ތަށި ގެންދާނީ އަރަބިންތޯ، ޔޫރަޕުންތޯ ނުވަތަ ލެޓިން އެމެރިކާއިންތޯ ނިންމަން އަދި މާއަވަހެވެ.