ޤަތަރު ވޯލްޑް ކަޕް | 23 ނޮވެމްބަރު 2022| ގުރޫޕް އީގެ ދެވަނަ މެޗު: ސްޕެއިން އަދި ކޮސްޓަރިކާ

ޤަތަރު ވޯލްޑް ކަޕް 2022 ގެ ގުރޫޕް އީގެ ދެވަނަ މެޗު ބުދަ ދުވަހުގެ ރޭ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅެފައިވާއިރު، މިމެޗުގައި ވާދަކުރީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން ސްޕެއިންއާއި ކޮސްޓަރިކާއެވެ.

އަބަދުވެސް މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ސްޕެއިން އަށް ބޮޑު ތަފާތެއް ދެއްކެން ފެށުނީ 2008 ގެ ޔޫރޯ ކާމިޔާބުކުރި ހިސާބުންނެވެ. އޭގެފަހުން ސްޕެއިން ވަނީ 2010ގެ ވޯލްޑް ކަޕާއި 2012ގެ ޔޫރޯ ވެސް ކާމިޔާބުކޮށްފައެވެ. ސައުތު އެފްރިކާގައި އޮތް އެމުބާރާތް ކާމިޔާބު ކުރުމުން ސްޕެއިން ވެގެންދިޔައީ ޔޫރަޕުން ބޭރުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.

މިމެޗުގައި ދެން ވާދަކުރި ކޮސްޓަރިކާއަކީ އިންޓަރ ކޮންޓިނެންޝިއަލް ޕްލޭ-އޮފްްގައި ނިއުޒީލެންޑް ބަލިކޮށް ޤަތަރު ވޯލްޑް ކަޕްގެ ފަހު ޖާގަ ކަށަވަރުކުރި ޓީމެއެވެ. މިއީ، އެޓީން ވޯލްޑް ކަޕްގައި ޖެހިޖެހިގެން ކުޅޭ ތިންވަނަ ފަހަރެވެ. ކޮސްޓަރިކާއިން ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 2014 ވަނަ އަހަރުއެވެ. ބުރެޒިލްގައި ވޯލްޑް ކަޕް އޮތް އެފަހަރުގެ ކުއާޓާ ފައިނަލަށް އެޓީމު ދަތުރުކުރިއެވެ.

ބުދަ ދުވަހުގެ ރޭ އޮތް މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއިން ކުޅުނީ ޕާސިން އެންޑް އެޓޭކިން ގޭމެކެވެ. ރީތި ޕާސްތަކަކާއެކު ގޯލް ޖަހަން ތަނަވަސްކުރި ފުރުސަތުތަކުގައި އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެލަނޑު ޖަހާފައެވެ. އަދި އޭރިއާ ތެރެއިން ސްޕެއިންގެ ޖޯޑީ އަލްބާއަށް ކޮސްޓަރިކާގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ފެރާން ޓޮރޭޒް ވަނީ އެޓީމަށް ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ސްޕެއިންއިން ދެ ގޯލް ޖެހުމާއެކު ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ކޮސްޓަރިކާ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓުނު މަންޒަރެވެ. މިމެޗުގެ ފުރަތަމަ 30 މިނިޓުގައި ސްޕެއިންގެ ގޯލަށް ނުރައްކާ ކުރެވިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސްޕެއިންނެވެ. ކޮސްޓަރިކާ މެޗުގެ ފުރަތަމަ ހާފު ނިންމާލީ އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވިއެވެ.

ދެވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ފެނުނީ ސްޕެއިންގެ ކުޅުންތެރިންގެ ފަރާތުުންނެވެ. މިހާފުގައި އެޓީމުން ވަނީ ފުފުލުގައި ގިނަ ހަމަލާތަކެއް ކޮސްޓަރިކާގެ ގޯލަށް ދީފައެވެ. ބައެއް ހަމަލާތައް އެޓީމުގެ ކީޕަރު މަތަކުރިއިރު، ސްޕެއިނުން ވަނީ 4 ބޯޅަ ގޯލަށް ވައްދައި 7 ލަނޑުގެ ނަތީޖާއެއް ނެރެފައެވެ.

ސްޕެއިން ދެވަނަ ހާފުގައި ޖެހު ފުރަތަމަ ލަނޑު އެޓީމަސް ކާމިޔާބުކޮށްދިނީ 54 ވަނަ މިނެޓުގައި ފެރާން ޓޮރޭޒްއެވެ. އަދި އޭގެ ފަހުން 75 ވަނަ މިނިޓުގައި ލިބުނު ފުރުސަތެއްގެ ބޭނުންކޮށް އެޓީމުގެ 5 ވަނަ ލަނޑު ޖެހީ ގަވީއެވެ. އަދި 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކާލޮސް ސޮލާ ވަނީ އިތުރު ލަނޑެއް ޖަހައިދީފައެވެ. ސްޕެއިންއިން ޖެހި ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 5 މިނިޓުގެ ތެރޭގައި، މޮރާޓާއެވެ.

މިލަނޑާއެކު ސްޕެއިންއިން މެޗު ނިންމާލީ 7-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ސްޕެއިންއިން މިހާތަނަށް ވޯލްޑް ކަޕެއްގައި މިހާ ބޮޑު ނަތީޖާއަކުން މޮޅުވި މެޗެވެ. މީގެ ކުރިން، ސްޕެއިނުން އެއް މެޗެއްގައި ފަރަގު ބޮޑުކޮށް ހޯދި ކާމިޔާބީއަކީ ފްރާންސްގައި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބަލްގޭރިއާ އަތުން 6-1 ގެ ނަތީޖާއަކުން ހޯދި މޮޅެވެ.

މިގުރޫޕްގައި ބުދަދުވަހު ދެން ކުޅުނު މެޗުން ޖަޕާން ވަނީ ޖަރުމަނު އަތުން މޮޅުވެފައެވެ.