ޤަތަރު ވޯލްޑް ކަޕް 2022 | 23 ނޮވެމްބަރު 2022 | ގުރޫޕް އެފްގެ ދެވަނަ މެޗު: ކެނެޑާ އަދި ބެލްޖިއަމް
ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގައި 36 އަހަރު ފަހުން ވޯޅްޑް ކަޕަށް ކޮލިފައިވި ކެނެޑާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ހާފުގައި ދެޓީމުން ވެސް ކުޅެފައިވަނީ އެޓޭކިން ގޭމެކެވެ. ކެނެޑާއިން ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރިއިރު، ފޮނުވާލި ގިނަ ހަމަލާތައް ގޯލަށް އަމާޒުވާ ގޮތް ވަނީ ނުވެފައެވެ. ބެލްޖިއަމްގެ ކުޅުމަށް ބެލިޔަސް ފެނުނީ އެމަންޒަރެވެ. ހަމަލާތައް އުފެއްދި ނަމަވެސް ގޯލަށް އަމާޒުކޮށްް ބޯޅަ ފޮނުވައިލަން ނުކުޅެދުން ތަނެވެ.
ހަމަހަމަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގެ 9 ވަނަ މިނިޓުގައި އޭރިއާގެ ތެރޭގައި ހުރި ބެލްޖިއެމްގެ ކުޅުންތެރިއެއް ކަމަށްވާ ކަރާސްކޯގެ އަތުގައި ބޯޅަޖެހި، ކެނެޑާއަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމިއެވެ. "ހޭންޑް ބޯލް" އެއްކަން ކަށަވަރުކުރުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބަލާފައެވެ.
މެޗުގެ ކުރީކޮޅު ލިބުނު މިިޕެނަލްޓީ ވެގެންދިޔައީ ކެނެޑާއަށް ލީޑު ނެގުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެކަމަކު ކެނެޑާގެ އަލްފޮންސޯ ޑޭވިސްއަށް ޕެނަލްތީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ ބެލްޖިއަމްގެ ކީޕަރުގެ ހުށިޔާރުކަން ފެނިގެންދިޔައެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް މެޗުގެ 44 މިނިޓުގައި ބެލްޖިއަމްގެ ބަޓްޝޫ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލާ އެޓީމަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ބޯޅަ ހިފައްޓައިގެން ގިނައިރު ކުޅެފައި ވަނީ ބެލްޖިއެމްއެވެ. މިހާފުގައި ނަތީޖާ ހަަަމަހަމަ ކުރާނެ ފުރުސަތުތަކެއް ކެނެޑާއަށް ލިބިވަނީ ބޭކާރުވެފައެވެ. ލީޑު ފުޅާކުރަން ބެލްޖިއަމްއަށް ވެސް ފުރުސަތުތައް ފަހިވިއެވެ. އެކަމަކު އެއްވެސް ބޯޅައެއް ގޯލަށް ފޮނުވާ ނުލެވުނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމި، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން، ރެފްރީ ވަނީ އިތުރު ވަގުތުގެ 5 މިނިޓު ދީފައެވެ. އެކަމަކު އެވަގުތު ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް އައިސްފައި ނުވެއެވެ.
މިގުރޫޕުގައި ދެން ހިމެނޭ މޮރޮކޯއާއި ކޮރޮއޭޝިއާ ބުދަ ދުވަހުގެ ހަވީރު ބައްދަލުކުރި މެޗު ނިމިފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.