މިދިޔަ ޖުލައި މަހުގެ ތެރޭގަ ކަނޑައެޅި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ތަޢާރަފްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް އަންނަ މަހުން ފެށިގެން ނެރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާއިން އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެކަމަށެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުގައި ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޚަކީ 8 ސެޕްޓެމްބަރ 2022، 12 ޞަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ. އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ހާމަކުރައްވާފައެވެ.

ގެންގުޅެން ފަސޭހަ ރައްކާތެރި އަދި ޒަމާނީ ގޮތަކަށް އުފައްދާފައިވާ މި ނޫޓުތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު މި ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ނޫޓުގެ ސީރިއަލް ނަމްބަރާއި މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނާނެއެވެ. މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ފައިސާގެ ނޫޓުތައް ތަޢާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.