ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 489 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

2019 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް އިން އާއްމުކޮށްފައިވާ އެ ކުންފުނީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މި މުއްދަތުގައި ކަސްޓަމްސްއިންވަނީ ރާއްޖެއެތެރެކުރަން އުޅުނު 216.21 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިންވަނީ 15 ބާވަތެއްގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. އޭގެ ތެެރެއިން އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކޮކެއިންއެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 80.44 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާއިރު ދެން އެންމެ ގިނައިން އަތުލައިގެންފައިވަނީ ކެނަބިސް ފަތްޕިލާވެއްޔާއި ކެނަބިސް ހަޝިޝް ތެލެވެ. އެގޮތުން 31.70 ކިލޯގެ ކެނަބިސް ފަތްޕިލާވެއްޔާއި 27.41 ކިލޯގެ ކެނަބިސް ހަޝިޝް ތެޔޮ ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި މަސްތުވާތަކެތީގެ ތެރޭގައި ދެން ހިމެނެނީ ހެރޮއިންއާއި، މެތޯފަންއާއި، އެމްޑީއެމްއޭގެ އިތުރުން އެލްއެސްޑީ އާއި މެފެޑްރޯންއާއި އެމްފެޓަމިން އާއި ކެޓަމިންއެވެ.

2019 ވަނަ އަހަރު ކަސްޓަމްސްއިންވަނީ 53 މައްސަލައެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 37.49 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 110 އެލްއެސްޑީ ސްޓިކާ ހިފަހައްޓާފައެވެ. މިތަކެތީގެ މަގުމަތީ އަގު 48.54 މިލިއަން ރުފިޔާއަށް އަރައެވެ.

އަދި 2020 ވަނަ އަހަރު މަސްތުވާތަކެތީގެ 25 މައްސަލައެއްގައި 10.67 ކިލޯގެ މަސްތުވާތަކެއްޗާއިއެކު އިތުރު 13 ކެނަބިސް ސީޑް ހިފަހައްޓާފައިވާއިރު މި ތަކެތީގެ މަގުމަތީއަގު އުޅެނީ 17 މިލިއަން ރުފިޔާގައެވެ. މީގެއިތުރުން 26 މައްސަލައެއްގައި 50.26 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 358 އޮޕިއަމް ޕޮޕީ ސްޓްރޯ 2021 ވަނަ އަހަރު ހިިފަހައްޓާފައިވާއިރު މިތަކެތީގެ މަގުމަތީއަގު 223.53 މިލިއަން ރުފިޔާއަށް އަރައެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުންފެށިގެން މި ހިނގާ ނޮވެންބަރުމަހާއި ހަމައަށް މަސްތުވާތަކެއްޗާއި ބެހޭ 27 މައްސަލައެއްގައި 117.79 ކިލޯގެ މަސްތުވާތަކެތިވަނީ އަތުލައިގެންފައެވެ. މިތަކެތީގެ މަގުމަތީ އަގަކީ 200 މިލިއަން ރުފިޔާއެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ރާއްޖެހިމެނޭހެން ޖުމްލަ 15 ޤަޢުމަކުން 71 މީހުން ކަސްޓަމްސްއިންވަނީ ހިފަހައްޓާފައެވެ. އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ ރާއްޖެއާއި ޕާކިސްތާން އަދި ބްރެޒިލްގެ އިތުރުން އިންޑިއާ މީހުންނެވެ. އެގޮތުން ރާއްޖޭގެ 25 މީހުންނާއި، ޕާކިސްތާނުގެ 13 މީހަކާއި ބްރެޒިލްގެ 10 މީހެއްގެ އިތުރުން އިންޑިއާގެ 5 މީހަކު ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ކުރިއަރ އާއި ޕޯސްޓްގެ އިތުރުން މެއިލް ބޭނުންކޮށްގެންނެވެ. މިގޮތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 70 މައްސަލައެއް ކަސްޓަމްސްއަށްވަނީ ފާހަގަކުރެވިފައެވެ.

ދެން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ވައިގެ މަގުން ލަގެޖުގައި ނުވަތަ ފަރިންޖަރުންއަތުގައެވެ. މިގޮތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 57 މައްސަލައެއް ފާހަގަވެފައިވެއެވެ. މީގެ އިތުރަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާ މަގުތަކަކީ ވައިގެ މަގުންއަންނަ ކާގޯ ޝިޕްމަންޓްތަކުން 2 މައްސަލަ ކަނޑުމަގުގެ އުޅަދުތަކުންނާއި ކަނޑުމަގުން އަންނަ ކާގޯޝިޕްމަންޓްތަކުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެެރެކުރުމުގެ 2 މައްސަލައެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކަމާއިބެހޭ ޢިދާރާތަކުން ކުރިއަށްގެންދާ އޮޕަރޭޝަންތަށް އިތުރަށް ވަރުގަދަކޮށްފައިވާއިރު މިހާރުވެސް ކަސްމްސްއާއި ފުލުހުން ގުޅިގެން އަންނަނީ މާލެއާއި އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތައްޗާ ދެކޮޅަށް އޮޕަރޭޝަންތަށް ހިންގަމުންނެވެ.