ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގުމަށް ރިދަމް ފިޓްނަސްއާއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗްޑީސީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ސޮއިކުރެއްވިއިރު ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އަޒީރާ ސޯދިގެވެ.

އެޗްޑީސީ އިން ބުނީ މި އެއްބަސްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ހުޅުމާލެގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމުގެ މަގުފަހިކޮށްދިނުންކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދޮށީ އުމުރުގެ އަންހެނުންނަށް ހިލޭ ކަސްރަތު ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާބެހޭ މަޢުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން އާންމުންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ފޯރުކޮށްދިނުމަށްޓަކައި އެޗް.ޑީ.ސީގެ ފަރާތުން ދަނީ މަސައްކަތްތަކެއް ކުރަމުންކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ރައްޔިތުންގެ ދުޅަހެޔޮކަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް މީގެކުރިންވެސް ހިންގާފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ. ދޮށީ އުމުރުގެ މީހުންނަށް ޚާއްސަކޮށްގެން މިދިޔަ އޮގަސްޓްމަހު އެޗްޑީސީގެ ފަރާތުން ވަނީ ދޮށީއުމުރާއި ޞިއްހަތުގެ ނަމުގައި ޚާއްސަ މަންސައެއް ވެސް ބާއްވާފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހަތާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް އެ ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުންގެންދާކަމަށެވެ. އެގޮތުން ރިދަމް ފިޓްނަސްއާއެކު މިވެވުނު އެއްބަސްވުމަކީ ދޮށީ އުމުރުގެ ބޭފުޅުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ކަމެއްކަމަށް ޤަބޫލުކުރާކަމަށްވެސް އެޗްޑީސީން ބުނެއެވެ.