އުުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ ކައުންސިލް އާއި ގުޅިގެން އުރީދޫ އެސްއެމްބީ މީޓްއަޕް-ނޯތު އެޑިޝަން ހދ.ކުޅުދުއްފުށީގައި ބާއްވައިފިއެވެ.

އުރީދޫ އެސްއެމްބީ މީޓަޕްއަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެއްތަނަކުން ދިމާވެ ނެޓްވޯކްކޮށް، ޚިޔާލު ބަދަލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ޑިޖިޓަލް ޙިދުމަތްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކޮށް އަދި ޕާޓްނަރޝިޕް ތަކަށް ފުރުސަތު ހުޅުވައިލަދޭ ޕްލެޓްފޯމެކެވެ.

މިއަހަރުގެ ޖޫން މަހުގައި އުރީދޫ މޯލްޑިވްސް އިން ފެށި މި ފޯރަމް އެންމެ ފުރަތަމަ ބާއްވައިފައިވަނީ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ދުވަހު ގްރޭޓާ މާލެއަށް އަމާޒުކޮށް މާލޭގައެވެ.

އުރީދޫ މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ މުޖުތަމައު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި އިގްތިސާދުގެ ވަރަށް މުހިންމު ހިއްސާއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ސޮލިއުޝަންތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ވިޔަފާރިތަކަށް ކުރިއެރުން މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި މިއަހަރު ކުރީކޮޅުގައި މި މަސައްކަތް ފަށާފައިވާއިރު، މި ފޯރަމް ރާއްޖޭގެ އުތުރަށް ގެނެސް، މި ސަރަޙައްދުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދަޅުވީ ދެމެހެއްޓެނިވި ކުރިއެރުމަކަށް ޓަކައި ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް ވިޔަފާރިތައް ބާރުވެރިކުރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް މި ސަރަޙައްދުގެ ވިޔަފާރިތަކަށް ގެނެވޭ ބަދަލުތަކުން ލިބޭ ކުރިއެރުމަކީ އުތުރުގެ ރައްތަކުގެ މުޖުތަމަޢުއާއި އިޤްތިސާދަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްޕޭޖެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުރީދޫއިން ފޯރުކޮށްދޭ ޙައްލުތަކާ ބެހޭގޮތުން އުރީދޫއިން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް https://www.ooredoo.mv/smb_form އިން ލިބެން ހުންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ނެޓްވޯކްމެދުވެރިކޮށް ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދޭނެ ބައެއް ފައިދާތަކުގެ ތެރޭގައި މުޅި ރާއްޖެ ހިމެނޭހެން 4ޖީ ކަވަރޭޖް ލިބުމާއި ވިޔަފާރިތަކަށް ހާއްސަ ޕެކޭޖްތައް މެދުވެރިކޮށް ކަނެކްޓިވިޓީ ސޮލިއުޝަން (ޕޯސްޓްޕެއިޑް ވޯކް ގްރޫޕް ޕްލޭން، ފައިބާ ސުޕަނެޓް ބްރޯޑްބޭންޑް، 5ޖީ އެއާފައިބާ، މޫލީ، އެމް-ފައިސާ) އަދި ގްރޭޓާ މާލޭގެ ބޮޑު ބައެއް ކަވަރުކުރާ 5ޖީ ނެޓްވޯކް، ކުޅުދުއްފުށި، ސިންގަޕޫރު އަދި ޔޫރަޕާއި ގުޅާލާ ޕީސް ކޭބަލްއަށް އިންވެސްޓްކުރުމާއި ޕީސް ކޭބަލް އެޅުމާއެކު އުރީދޫ އިންޓަނެޓް ސްޕީޑާއި ލެޓެންސީ ބޮޑުތަނުން ރަނގަޅުވެ، ވިޔަފާރީގެހަރުދަނާކަން އިތުރުވެ، ޓެކްނޮލޮޖީގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

އަދި ޓަޔަރ 3 ރެޑީ ޑޭޓާ ސެންޓަރުގައި ވިޔަފާރިތަކުގެ ސާވާ ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާއިރު ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އުރީދޫ އެސްއެމްބީ މީޓްއަޕްތައް މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.