"ކަނޑުފަޅުގެ ނަފާ" ލޯނު ޕްރޮގްރާމުގެ ދަށުން މަސްދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ގާޢިމުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އަދި ޖުމްލަ ގޮތެއްގައި އައިސް ހޯދުމަށް މަސްވެރި އުޅަނދުފަހަރުން ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް [ކަނޑުފަޅު ނަފާ] ލޯނު ޕްރޮގްރާމަށް މިއަދު ވަނީ ހުޅުވާލާފައެވެ.
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ މިފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނު ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް ބޭނުންވާ ލޯނު (ޖުމްލަ 34 މިލިއަން ރުފިޔާއާއި ހަމައަށް) ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މިލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށް ފަހު ކަމަށް މިނިސްޓްރީން ބުނެއެވެ.
މިލޯނަށް އެދި ހުށަހަޅާނީ އެސް.ޑީ.އެފް.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް 28 ނޮވެމްބަރު 2022 ވަނަ ދުވަހުން ފެށިގެންނެވެ.
ލޯނު ޕްރޮގްރާމާ ގުޅޭ އިތުރު ތަފްޞީލު ހިމެނޭ ލޯނުގެ އުސޫލު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުރިއިރު މި ލޯނު ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ މިމިނިސްޓްރީގެ ނަންބަރު 3339270 ފޯނާއި ގުޅުމަށް މިނިސްޓްރީން އެދެއެވެ.
ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އާއެކު ސަރުކާރުން ވަނީ ޕްރޮޖެކްޓެއްގައި ސޮއިކޮށްފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ (އާރް.އެސް.ޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިނިކުރާ ނިޒާމު ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.