ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއިން ވިޔަފާރިކުރުމަށް ހުއްދަދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެގޮތުން، ހުއްދަ ދޫކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކުން ހުޅުމުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާއެވެ. އެގޮތުން، ފިހާރަތަކާއި ރެސްޓޯރެންޓް އަދި އެހެނިހެން ހިދުމަތްދޭ ވިޔަފާރި ފުރަތަމަ ފަންގި ފިލާގައި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންނަމަވެސް، ހުޅުމާލެގެ އިމާރާތްތަކުގެ ތިރީބަޔާއި ފުރަތަމަ ފަންގިފިލާގައި އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާކަމެކެވެ. އެގޮތުން، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންކުރުމަކީ މަނާކަމެކެވެ.

ހުޅުމާލެގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން މި ކޯޕަރޭޝަނުން ނިންމީ، މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓްގެ އެދިލެއްވުމަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރިއެރުމުގެ ގޮތުން އަދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައެވެ.

އިކޮނިމިކް މިނިސްޓްރީއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތަތަކެއްކޮށް، ވިޔަފާރި ކުރިއެރުމަށް ފަސޭހަކަމާއިއެކު ލޯނު ލިބޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅޫމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިޔުމަށްވެސް މަގުފަހިވެގެންދާނެއެވެ. އެޗްޑީސީން ބުނީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް މި ކޯޕަރޭޝަނުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށެވެ.