ޝެންގެން ވިސާ މިހާރަށްވުރެ ލުއިގޮތަކަށް ލިބޭނެގޮތް ހެދުމަށާއި މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭގޮތުން އީޔޫއާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރެއްވީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށާއި، ރާއްޖެއިން ބާނާ މަހަށް ޔޫރަޕްގެ މާކެޓްގައި ފުރުސަތުތައް ފަހިކޮށް ދިނުމުގެ ގޮތުން، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން މާލޭގައި އިއްޔެ ބޭއްވި "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް"ގެ ހަވަނަ ބައްދަލުގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖެ އާއި އީޔޫގެ އެންމެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ ވެރިއަކަށް ހުންނެވީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. މިނިސްޓަރ ޝާހިދުގެ އިތުރުން ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގެންނެވީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމާއި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާއާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީ އިބްރާހިމް ހޫދު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ނާއިބު އަލްއުސްތާޛާ ޚަދީޖާ ޝަބީން އަދި އިކޮނޮމިކް މިނިސްޓްރީގެ ނާއިބު ރިޔާޒް މަންސޫރެެވެ.

ރާއްޖެއަށް ފައިދާކުރުވަނިވި އެކިދާއިރާތަކުން އީޔޫއާއެކު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އީޔޫ ވަފުދުގެ ވެރިއަކަށް ހުންނެވީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ. އެމަނިކުފާނުގެ އިތުރުން އީޔޫގެ ވަފުދުގައި ހިމެނި ވަޑައިގެންނެވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަރ އާއި ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތަރ އާއި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާރބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އިޓަލީވިލާތަށް ދަތުރުކުރާ ދިވެހިންނަށް މާލެއިން ޝެންގެން ވިސާ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަން ވަނީ އިޢުލާންކުރައްވާފައެވެ. އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އިއްޔެ ވިދާޅުވީ، ރާއްޖޭގައި 2020 ވަނައަހަރު ގާއިމުކޮށްފައިވާ "ވިސާ ފެސިލިޓޭޝަން ސަރވިސް ސެންޓަރ" (ވީއެފްއެސް) މެދުވެރިކޮށް އިޓަލީއަށް ދާން ދޫކުރާ ޝެންގެން ވިސާ ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ.

އިޓަލީވިލާތުން ޝެންގެން ވިސާ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސެވުމުން މިހާރު ރާއްޖެއިން ޔޫރަޕުގެ ފަސް ގަޢުމެއްގެ ޝެންގެން ވިސާ ލިބިގެން ދާނެ އެވެ. އެއީ ޖަރުމަނުވިލާތާއި ޗެކްރިޕަބްލިކު، އޮސްޓަރިޔާއާއި ހަންގޭރީ އަދި އެންމެ ފަހުން ހަމަޖެހުނު އިޓަލީ ވިލާތެވެ.

އިއްޔެ އީޔޫއާ އެކު ބޭއްވި މަޝްވަރާތަކުގައި މައިގަނޑު ފަސް ކަމެއްގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. އެއީ ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށާއި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުމަށާއި ތިމާވެށި އަދި މޫސުމީ ބަދަލު ތަކާބެހޭ ގޮތުންނާއި ޝެންގެން ވިސާއާ ބެހޭ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އީޔޫގެ 17 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ވަފުދުގެ ވެރިޔާ، މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން ކޮށްފައިވާ މުހިއްމު ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓުގެ ކޯޓާއެއް ކަނޑައެޅުމާއި، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ހެއްކާ ބެހޭ ގާނޫނު ވުޖޫދުކޮށް، އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަނީ އދ.ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އަދި އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް އެއިންތިޚާބު ވެސް ރާއްޖެއިން ކާމިޔާބުކޮށް ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ހޯދާފައެވެ. އެހެން ކަމުން އެކާމިޔާބީއަށް ވެސް ޑެނިސް މަރުޙަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާ ކަމަށެވެ. އެގޮތުން ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނައިރު، އެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މުހިއްމުކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި އީޔޫގެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަދާއިގެންނެވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އީޔޫއިން ރާއްޖެ-ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.