ފަރަންސޭސި ވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ޗީފް އިންސްޕެކްޓަރ ރިލްވާން ޝަރީފަށް ލިބިއްޖެއެވެ.

ކޮމިޝަނަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗީފް އިންސްޕެކްޓަރ ރިލްވާން ޝަރީފަށް، ސެކަންޑްމަންޓްގެ ފަތްކޮޅު މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި 1 ޑިސެމްބަރު 2022 އިން ފެށިގެން 3 އަހަރު ރިލްވާން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއީ ބައިނަލްއަޤްވާމީ ފުލުހުންގެ އެއްބާރުލުމާއި، ބައިނަލްއަޤްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ޢަޒުމް ދައްކުވައިދޭ ކަމެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އިންޓަޕޯލް ހެޑްކުއާޓަރގައި މަސައްކަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކަށް ލިބުނުކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕޯލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެމެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޖަމްޢިއްޔާގެ 7 ސަރަހައްދީ ބިއުރޯ ހުރެއެވެ. ޖުމުލަ 195 މެމްބަރު ގައުމެއްގައި ނެޝަނަލް ސެންޓްރަލް ބިއުރޯ ހުރެއެވެ.