އއ އުކުޅަހު ޕްރީސްކޫލުގެ ކޮންސެޓެއްގައި މިއުޒިކަށް ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދި ހަތަރު ޓީޗަރެއްގެ ތެރެއިން ތިން ޓީޗަރެއްގެ ސަސްޕެންޝަނުގެ މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފިއެވެ.
މި ޓީޗަރުންގެ ސަސްޕެންޝަންގެ މުއްދަތު މިއަދަށް ހަމަވާއިރު މިމައްސަލަ އަދިވެސް ބަލައި ނުނިމޭތީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ މިއަދުއެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުވައްޒަފުން ސަސްޕެންޑްކޮށްފައިވަނީ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި އަމަލުކުރަންޖެހޭ ކަރިކިއުލަމާ ޚިލާފުވުމުމުގެ ސަބަބުން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަޙުމަދު އަލީ ސޮއިކުރައްވައި ޓީޗަރުންނަށް ފޮނުއްވި ނޯޓިސްގައި ވަނީ ޤައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ދަރިވަރުންނަށް ޙާޞިލް ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޓީޗަރުން އިންކާރު ކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ އިދާރީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ދެން ސްކޫލަށް ދިއުން މަނާކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުޞޫލުގައިވާ ގޮތުގެ މަތީން އެ މުދައްރިސުންނަށް ނަސޭހަތްދީފައިވެއެވެ. އަދި މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވަނީ އެ ކަންކަން ރަނގަޅު ނުކުރުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ އައު ޤައުމީ މަންހަޖު ބުނާ ގޮތުން ކްރިއޭޓިވް އާޓްސްގައި މިއުޒިކާއި ނެށުން ފަދަ ކަންކަމަކީ އިޚްތިޔާރީ ކަންކަމެވެ.