އެންސްޕާ އާއި އާސަންދައިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް އެއް އޮފީހަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އޮފީހުން ދެމުން އަންނަ ޚިދުމަތްތައް ލިބޭ ކަސްޓަމަރ އެކްސްޕީރިއަންސް ސެންޓަރެއް "ވިރަ"ގެ ނަމުގައި ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގާއި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް އައްޒާމް ވަޖީހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ވިރަ"ގެ ނަމުގައި ހުޅުވުނު މި އޮފީސް ހުންނާނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގާ ޖެހިގެން ހުޅަނގަށް އޮންނަ ގޯޅީގައެވެ.

އާސަންދައިން ބުނީ ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް އޮޅުންފިލުވައިދީި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަން މި މަރުކަޒުން ފޯރުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ބޭސްފަރުވާއާ ގުޅިގެން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ އެހީއެއްގެ ޚިދުމަތްތަކާއެ އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ މަޢުލޫމާތު މި މަރުކަޒުން 24 ގަޑިއިރު ލިބިގެންދާނެ ކަމަށައި ޚިދުމަތްތައް ހޯދުމަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އަދި މި އޮފީހުގެ ސެންޓަރުތަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހޮސްޕިޓަލްގައިވެސް ޤާއިމްވެފައި ހުންނާނެ ކަމަށްވެސް އާސަންދައިން ބުންޏެވެ.

މިކައުންޓަރުގެ ޚިދުމަތް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ލިބޭނެއެވެ.