ޕަކަތަން ހަރަޕަންގެ ޗެއަރމަން އަންވަރު އިބްރާހިމް، މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އަންވަރު އިބްރާހިމް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ، މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހްގެ ކުރިފުޅުމަތީގައި، ރަސްގެފާނުގެ ގަނޑުވަރުގައެވެ.

މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުގެ ހައިސިއްޔަތުން އަންވަރު އިބްރާހިމް މަގާމުގެ ހުވާ މިކުރެއްވީ، މެލޭޝިޔާގައި އާންމު އިންތިޚާބު ބޭއްވިތާ 5 ދުވަސް ފަހުންނެވެ.

މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް (ކ)، އަންވަރު އިބްރާހިމްއާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ:

އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީވެސް އަންވަރު އިބްރާހިމްގެ ޕަކަތަން ހަރަޕަންގެ ކޯލިޝަނުންނެވެ.

އިންތިޚާބުގައި ޕަކަތަން ހަރަޕަންގެ ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 81 ގޮނޑިއެވެ. ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ޕެރިކަތަން ނޭޝަނަލްއިން 73 ގޮނޑި ކާމިޔާބު ކުރިއެވެ.

މި އަދަދުތަކަކީ ވަކިން ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް ވުރެ މަދު އަދަދެއް ކަމުން، އިތުރު ޕާޓީތަކާ ކޯލިޝަން ހަދައިގެން ނޫނީ ވެރިކަމަށް އައުމުގެ ފުރުސަތު އަންވަރު އަށްވެސް އަދި ޔާސީންއަށްވެސް ނެތެވެ.

މުހްޔިއްދީން ޔާސީން ގެންދެވީ، އަންވަރުއާ ކޯލިޝަން ނުހައްދަވާނޭ ކަމަށް ވިދާޅުވަމުންނެވެ. އަންވަރު އިބްރާހިމް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ގަޑިއެއްހާ އިރު ކުރިންވެސް މުހްޔިއްދީން ޔާސީން ވިދާޅުވީ، ގިނަ މެމްބަރުންގެ ތާއީދުއޮތީ އޭނާއަށް ކަމަށެވެ.

އަދި ސަރުކާރެއް އެކުލަވާލަން ބޭނުންވާ މިންވަރަށް މެމްބަރުންގެ ތާއީދު އޮތްކަން ސާބިތުކޮށް ދެއްވުމަށް އަންވަރަށް ގޮވާލެއްވިއެވެ.

އެކަމަކު، މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބަރިސަން ނޭޝަނަލްއިން މިއަދު ހެނދުނު ބުނެފައިވަނީ، އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން އަންވަރު އިބްރާހިމްގެ ޕާޓީއާ ގުޅޭނޭ ކަމަށެވެ. ބަރިސަން ނޭޝަނަލްއަށް އިންތިޚާބުގައި ކާމިޔާބު ކުރެވުނީ 30 ގޮނޑިއެވެ.

އަނެއްކޮޅުން، ގަބުންގަން ޕާޓީ ސަރަވަކްވެސްވަނީ އަންވަރުގެ ޕާޓީއާ ގުޅިފައެވެ.

ހުރިހާ އެންމެންގެ ލޯތައްވެސް މިހާރު އަމާޒުވެފައިވަނީ، ޕަކަތަން ހަރަޕަންއިން ސަރުކާރެއް އެކުލަވާލާނެ ގޮތަކާ މެދުގައެވެ.

އަންވަރު އިބްރާހިމް، އަބިކަނބަލުން އަދި ކުރީގެ ބޮޑުވަޒީރުގެ ނައިބް ވާން އަޒީޒާ ވާން އިސްމާއިލްއާއެކު ގަނޑުވަރުގައި: