ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ ތެރެއިން ބައިލައްކަ ރުފިޔާ ސަރުކާރުން މާފްކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެމިނިސްޓްރީގައި އެދުމާއި ގުޅިގެންނެވެ. މި ނިންމުން ފިނޭންސް މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ފިނޭންސް މިނިސްޓްރީން، އެކައުންސިލަށް ފޮނުވި ސިޓީގައި މިކަން ވަނީ ކަށަވަރުކޮށްދީފައިކަމަށެވެ. ފިނޭންސް މިނިސްޓްރީން ވަނީ، "ދައުލަތަށް ލިބެންޖެހޭ ފައިސާއާއި މުދާ އަނބުރާ ނުލިބޭނެކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ" ގައިވާ ގޮތުގެ މަތިން ދައުލަތަށް ނުލިބޭނެ ފައިސާއެއްކަމުގައި އެފައިސާ ކަނޑައަޅާފައެވެ.

މިނިސްޓްރީން ވަނީ، ވިލިމާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް އަމިއްލަ ކުރަން ހުށައަޅާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުގެ 540945/- (ފައްސަތޭކަ ސާޅިސްހާސް ނުވަސަތޭކަ ސާޅިސް ފަސްރުފިޔާ) މާފުކޮށްދިނުމަށް ނިންމާފައެވެ.

ވިލިމާލެ ފްލެޓްތައް އަމިއްލަ ކުރުމަށް ފުރުޞަތު ދިނުމަށް ކައުންސިލުން ނިންމީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 40 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ނިންމީ މާލޭގައި ހުރި އެހެން ފްލެޓްތަކެކޭ އެއްފަދައިން ވިލިމާލޭގައި ހުރި ފްލެޓްތައް އަމިއްލަ ކުރުމުގެ ފުރުޞަތު އެ ފްލެޓްތަކުގެ ވެރިންނަށް ދިނުމަށާއި ވިލިމާލެ އާއި މާލޭގައި ހުރި 06 ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ މާފްކޮށްދިނުމަށް ރައީސް އޮފީހުގައި އެދުމަށެވެ.