ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމަށް ވަކިގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ 8 ދާއިރާއެއް ކަނޑައަޅާފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، މިމަހުގެ 24 ވަނަ ދުވަހުގައި ގެޒެޓް ކޮށްފައިވާ އެމް.ކިއު.އޭގެ އީ-ލަރނިންގ ގައިޑްލައިނާ ގުޅިގެން، 8 ދާއިރާއެއްގެ ޕްރޮގްރާމްތައް ގައިޑްލައިންގައި ވާ ފަދައިން، އެ ދާއިރާއާއި ގުޅުންހުރި ޤާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމަށް ވަކިގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ 8 ދާއިރާއެއް ކަނޑައަޅާފައިވާކަމަށެވެ.
އެގޮތުން، މިހާތަނަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ މެޑިސިން އެންޑް ޑެންޓިސްޓްރީގެ ދާއިރާއާއި، ޕްރެކްޓިކަލް ޑިސިޕްލިންސް އޮފް ހެލްތް ސައިންސާސްގެ ކޯސްތަކުގެ ތެރޭއިން ޕްރެކްޓިސް ކުރަން ލައިސެންސެއް ބޭނުންވާ ދާއިރާތަކާއި، ނާސިންގެ ގެ ދާއިރާއާއި، ގުރުއާނާއި ގުޅުން ހުރި ދާއިރާތަކާއި، ޓެކްނިކަލް އެންޑް ވޮކޭޝަނަލްގެ ދާއިރާތަކާއި، އިންޖިނިއާރިންގް އަދި އާކިޓެކްޗާގެ ދާއިރާތަކުގެ އިތުރުން ޓީޗިންގެ ދާއިރާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މި 8 ދާއިރާގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ކިޔަވައިދިނުމުގައި އީ-ލަރނިންގ މޮޑަލިޓީ ބޭނުން ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް އެމް.ކިއު.އޭ އިން މިމަހުގެ 23 ވަނަ ދުވަހު، މި 8 ދާއިރާ އާ ގުޅުންހުރި ޤާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.