އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން އެމްއެމްޑަބްލިއުއެމް ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑާ ގުޅިގެންނެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމް އިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 18:00ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސި މަސައްކަތްތެރިން ހިމަނައިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔުމަކީ ޖަމްޢިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

އެމްއެމްޑަބްލިއުއެމް އިން ވަނީ ކްރިކެޓް ޓީމުތަކަށް، އެ ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްޢިއްޔާގެ ހޮޓްލައިން 9607384994+ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ރެޖިސްޓަރކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރ 2022 އެވެ.