އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ކުތުބުހާނާއަކުން ނެގި ކެސެޓު ޓޭޕެއް 44 އަހަރު ފަހުން ކުތުބުހާނާއަށް އަނބުރާ ދީފިއެވެ.

މިކަމާ ގުޅޭގޮތުން ސެން އެންޓޯނިއޯ ޕަބްލިކް ލައިބްރަރީން ބުނީ، މި ޓޭޕަކީ 1960 ވަނަ އަހަރުގެ އެންމެ މަޝްހޫރު ބޭންޑް ކަމަށްވާ "ބީޓަލްސް"ގެ މެމްބަރުން، ޖޯން ލެނަން އާއި ޕޯލް މެކާޓްނީ ދިން އިންޓަވިއުގެ ރެކޯޑިންއެއް ހިމެނޭ ޓޭޕްއެއް ކަމަށެވެ.

އަދި ދާދި ފަހުން އެކުތުބުހާނާގެ "ބުކް ރިޓާން ޑްރޮޕް ބޮކްސް"އަށް ނަން ހާމަ ނުކޮށް މި ޓޭޕް ލާފައިވާ ކަމަށް ވެސް އެ ކުތުބުހާނާއިން ބުނެއެވެ.

އެ ކުތުބުހާނާގެ މަސައްކަތްތެރިން ބެލިބެލުމުން، އެ ޓޭޕަކީ މީގެ 44 އަހަރު ކުރިން ކުތުބުހާނާއަކުން ނަގާފައިވާ ޓޭޕެއް ކަން ވަނީ ހާމަވެފައެވެ. މިކަމާގުޅިގެން ސެން އެންޓޯނިއޯ ޕަބްލިކް ލައިބްރަރީން މީޑިއާގައި ބުނީ، އެ ކުތުބުހާނާއަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން "ފައިން ފްރީ" ކުތުބުހާނާއެއް ކަމަށެވެ.

އެހެންކަމުން އެ ކުތުބުހާނާއަށް އަނބުރާ ދޭންބޭނުންވާ އެއްޗެއް އޮތްނަމަ، އަހަރެއް ނުވަތަ ޒަމާންތަކެއް ލަސް ވިޔަސް އެއްވެސް ޖޫރިމަނާ އަކާއި ނުލާ ބަލައިގަންނާނެ ކަމަށް ވެސް އެ ކުތުބުހާނާއިން ބުނެއެވެ.