- ވޯރލްޑް ކަޕް ބޮއިކޮޓްކުރަން ގޮވައި އިންޑިއާގެ މީޑިއާއިން ވަރުގަދަ ކެމްޕެއިނެއް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރް ނައިކްގެ މައްސަލަ، އިންޑިއާ ސަރުކާރުން ގަތަރު ސަރުކާރުގައި އުފުލައިފިއެވެ.
އިންޑިއާ ސަރުކަރުން ޑރ. ޒާކިރް ނައިކްގެ މައްސަލަ މި ޖެއްސީ، ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯރލްޑް ކަޕްގެ ތެރޭގައި އިސްލާމް ދީނަށް ގޮވާލެއްވުމާއި، ދީނުގެ ޝުޢޫރުތައް ފާޅުކުރެއްވުމުގެ ޚާއްސަ ކެމްޕެއިނަށް، ގަތަރު ސަރުކާރުގެ ޚާއްސަ މެހްމާނެއްގެ ގޮތުގައި ޑރ. ޒާކިރް ނައިކް ގަތަރަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ.
ޑރ. ޒާކިރް ނައިކްއަކީ މިހާރު މެލޭޝިޔާގެ ރައްޔިތެކެވެ. އޭނާ އިންޑިއާއިން މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރެއްވީ 2016 ވަނަ އަހަރުއެވެ.
އިންޑިއާ ސަރުކާރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޑރ. ޒާކިރް ނައިކްއަކީ އިންޑިއާއަށް ފިލައިގެންއުޅޭ، ކުށުމުގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ.
ޑރ. ޒާކިރް ނައިކް މެލޭޝިޔާއަށް ދިރިއުޅުއްވުން ބަދަލުކޮށް އަދި މެލޭޝިޔާގެ ރައްޔިތަކަށް ވެފައިވާއިރުވެސް، އިންޑިއާ ސަރުކާރުންވަނީ ޑރ. ޒާކިރް ނައިކް އަނބުރާ އިންޑިއާއަށް ފޮނުވައި ދިނުމަށް މެލޭޝިޔާ ސަރުކާރުގައި އެދިފައެވެ. ނަމަވެސް، އިންޑިއާގެ އެދުމަށް މެލޭޝިޔާއިން އިޖާބައެއް ނުދިނެވެ.
ޑރ. ޒާކިރް ނައިކް، ގަތަރު ސަރުކާރުގެ ޚާއްސަ ދައުވަތަކަށް ގަތަރަށް ވަޑައިގަތުމުންވެސް، އިންޑިއާ ސަރުކާރުން ވަނީ، ޑރ. ޒާކިރް ނައިކް ހައްޔަރުކޮށް އިންޑިއާއަށް ފޮނުވައި ދިނުމަށް ގަތަރު ސަރުކާރުގައި އެދިފައެވެ.
އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ، ޑރ. ޒާކިރް ނައިކް ހާޟިރުކޮށް އޭނާގެ މައްޗަށް އިންޑިއާގައި ޝަރީއަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިންޑިއާއިން ކުރަމުން ގެންދާނޭ ކަމަށެވެ.
އިންޑިއާ ސަރުކާރުން ތުހުމަތު ކުރަނީ، ޑރ. ޒާކިރް ނައިކްއަކީ ޓެރަރިޒަމަށް ހިތްވަރުދެއްވާ ބޭފުޅެއް ކަމަށެވެ.
އޭނާގެ މައްޗަށް އިންޑިއާ ސަރުކާރުން މަނީލޯންޑަރިންގެ ތުހުތަމާއި، ނަފްރަތުގެ އުފެއްދުމާއި، އިސްލާމީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެއެވެ. ޑރ. ޒާކިރް ނައިކް މެލޭޝިޔާއަށް ވަޑައިގެންނެވީ އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީން އޭނާގެ ތަހްގީގުތައް ފެށުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
އިންޑިއާ ސަރުކާރުގެ ހޯމް މިނިސްޓްރީން މިއަހަރުގެ މާޗްމަހުވަނީ، ޑރ. ޒާކިރް ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނަކީ ޣައިރުގާނޫނީ ތަނެއްކަމަށް ކަނޑައަޅައި، އެ ފައުންޑޭޝަންގެ ހަރަކާތްތައް އިންޑިއާގައި ކުރިއަށް ގެންދިއުން 5 އަހަރަށް މަނާކޮށްފައެވެ.
އޭގެކުރިން ޑރ. ޒާކިރް ނައިކްގެ ޕީސް ޓީވީ އިންޑިއާގައި ވަނީ މަނާކޮށްފައެވެ. އެއީ، ނަފްރަތު އުފެދޭ ވާހަކަތައް ފަތުރާތީކަމަށް ބުނެއެވެ. އެހެން ނަމަވެސް، ހަގީގަތަކީ، ޑރ. ޒާކިރް ނައިކްގެ ތަގްރީރުތަކުގެ ސަބަބުން ހިންދޫންނަށްވެސް ހަގީގަތް އެނގި، އިސްލާމްދީން ގަބޫލުރަން ފެށުން ކަމަށް، ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.
އިންޑިއާގެ މީޑިއާ އުޅެނީ، ވޯރލްޑް ކަޕް އެއްފަރާތްކޮށް ޑރ. ޒާކިރް ނައިކްއާ ވަރަށް ބޮޑަށް ޖައްސާލައިގެންނެވެ.
އެގޮތުން، މިމައްސަލާގައި ވޯރލްޑް ކަޕް ބޮއިކޮޓްކުރުމަށް ކެމްޕެއިންކޮށް، ގަތަރުގައި ހުންނަވާ އިންޑިއާ އެމްބަސެޑަރު އަނބުރާ ގެނައުމަށާއި، ފީފާ ކައުންސިލްގައި އިންނަވާ އިންޑިއާ މެމްބަރު އިސްތިއުފާ ދެއްވުމަށާއި، ވޯރލްޑް ކަޕްގެ އިންޑިއާ ސްޕޮންސަރ ބައިޖޫސްއިން އެގްރީމެންޓް ބާތިލް ކުރުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ. އަދި ގަތަރުގައި ތިއްބެވި އިންޑިއާގެ ފުޓްބޯޅަ އިސް އޮފިޝަލުންވެސް އަނބުރާ ގައުމަށް ގެނައުމަށް މީޑިއާއިން ދަނީ ކެނޑިނޭޅި ސަރުކާރަށް ގޮވާލަމުންނެވެ.
އިންޑިއާ ސަރުކާރުން ގަތަރު ސަރުކާރުގައި ޝަކުވާ އުފުލީވެސް މީޑިއާއާއި، ހިންދޫންގެ ޕްރެޝަރ ބޮޑުވެފައި ވަނިކޮށެވެ.
އިންޑިއާގެ އިތުރުން، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕަށް ޑރ. ޒާކިރް ނައިކް އެރުންވަނީ މަނާކޮށްފައެވެ.
ވޯރލްޑް ކަޕްގެ ތެރޭގައި ދުނިޔޭގެ އެތައްހާސް ބަޔަކު ގަތަރަށް ޖަމާވެފައިވާ މި ދަނޑިވަޅުގައި އިސްލާމްދީނުގެ ޝިއާރުތައް އުފުލައި، ދީން އޮޅުންފިލުވައި ދިނުމަށް ގަތަރުން އެދިގެން ޑރ. ޒާކިރް ނައިކް ގަތަރަށް ވަޑައިގެން ފެށްޓެވި މަސައްކަތުގެ ދަށުން ކޮންމެ ދުވަހަކު އެތައް ބަޔަކު އިސްލާމްދީން ގަބޫލުކުރަމުން އެބަގެންދެއެވެ. ވޯރލްޑް ކަޕް ނުފެށެނީސް 558 މީހުން އިސްލާމްދީނުގެ ހިދާޔަތް ލިބިގަތެވެ.
ޑރ. ޒާކިރް ނައިކް ރަސްމީ އިއްޒަތުގައި ގަތަރުގައި މިނިވަންކަމާއެކު އުޅުއްވުމާއި، ގަތަރުގެ އަމީރުން ފެށިގެން އެތައްލައްކަ ބަޔަކު ޑރ. ޒާކިރް ނައިކްއަށް ފުރިހަމަ އިހްތިރާމް އަދާކުރާތަން ފެނުމުން އެކަން ހަޖަމްނުކުރެވިގެން ބަޔަކު އުޅެނީއެވެ.