ޤަތަރު ވޯލްޑް ކަޕް 2022 | 24 ނޮވެމްބަރު 2022 | ގުރޫޕް އެޗްގެ ފުރަތަަމަ މެޗު: ދެކުނު ކޮރެއާ އަދި އުރުގުއޭ

މިހާރު ޤަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް 2022ގެ ގްރޫޕް އެޗްގައި ދެކުނު ކޮރެއާ އަދި ފުރަތަމަ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަން އުރުގުއޭގެ ކުރިމަތިލުން ހަމަހަމަ ނަތީޖާއަކުން ނިމިއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އެޑިއުކޭޝަން ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފީފާ ވޯލްޑް ކަޕް އެގައުމެއްގައި އެންމެ ފުރަތަމަ ބޭއްވި އަދި ވޯލްޑް ކަޕްގެ އެންމެ ފުރަތަމަ ޗެމްޕިއަންގެ ޝަރަފު އޮތް އުރުގުއޭ ވަނީ ދެ ފަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލާފައެވެ. އެންމެ ފަހުން 2018ވަނަ އަހަރުގައި ބޭއްވި ވޯލްޑް ކަޕްގައި އެގައުމަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ. އެގައުމު އޮތީ ފީފާ ރޭންކިންގެ 14ވަނައިގައެވެ. ދެން މިމެޗުގައި ވާދަކުރި ޓީމަކީ އޭޝިއާ ބައްރުން ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރު ކުރުމުގެ ހަމައެކަނި ޝަރަފު އޮތް ގައުމަކީ ސައުތު ކޮރެއާއެވެ. އޭޝިއާ ބައްރުން އެންމެ ގިނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ޝަރަފު އޮތް ގައުމަކީ ވެސް ކޮރެއާއެވެ. އެކަމަކު ފިފާ ރޭންކިންގައި 28ވަނައިގައި އޮތް ކޮރެއާއަކީ އުރުގުއޭއާ އަޅާބަލާއިރު ދަށް ޓީމެކެވެ.

މިމެޗުގައި ދެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު ފެނުނީ ވަރަށް އެއްގޮތް ހަމަހަމަ ކުޅުމެކެވެ. މިމެޗުގައި ދެ ޓީމުން ވެސް ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރިއެވެ. މިގޮތުން މެޗުގައި މިފަދަ ފުރަތަމަ ހަމަލާއެއް އުފެއްދީ 25 ވަނަ މިނެޓުގައި ދެކުނު ކޮރެއާއިންނެވެ. އެކަމަކު އެޓީމުގެ ކެޕްޓަން ސޮން ހިއުން ފޮނުވާލި އެހަމަލާ އުރުގުއޭގެ ފަހަތުގައި ތިބި ކުޅުންތެރިން ވަނީ މަތަކޮށްފައެވެ.

ދެން މިފަދަ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައީ، މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ. މެޗުގެ 42 ވަނަ މިނެޓުގައި އުރުގުއޭގެ ގޯޑިން ފޮނުވާލި އެހަމަލާ އަމާޒުވީ ދެކުނު ކޮރެއާގެ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިމެޗުގައި އުރުގުއޭއިން ވަނީ ޖުމުލަ 10 ހަމަލާ ދެކުނު ކޮރެއާގެ ގޯލަށް ފޮނުވާލާފައެވެ.

އެކަމަކު، މިމެޗުގައި ދެކުނު ކޮރެއާއަށް އުރުގުއޭގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައި ނުވާކަން ފާހަގަކޮށްލަމެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ޕޯޗުގަލް އަދި ގާނާއެވެ.