ޤަތަރު ވޯލްޑް ކަޕް 2022 | 24 ނޮވެމްބަރު 2022 | ގުރޫޕް އެޗްގެ ދެވަނަ މެޗު: ޕޯޗުގަލް އަދި ޣާނާ

ވޯލްޑް ކަޕް 2022ގެ ގުރޫޕް އެޗްގެ ދެވަނަ މެޗުގައި ގަދަފަދަ ޕޯޗުގަލް އަދި ޣާނާ ބައްދަލުކުރި މެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ސްޓޭޑިއަމް 974ގައި ކުރިއަށް މެޗު ނިމިފައި ވަނީ 3-2ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ޕޯޗުގަލްއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްވެ ބޭކާރުުވެފައެވެ. މިގޮތުން ލިބުން އެއް ފުރުސަތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ހުށިޔާރުކަމާއެކު ޣާނާގެ ކީޕަރު ލޯރެންސް އަޓީޒިގީ ވަނީ ދިފާއުކޮށްފައެވެ. ރޮނާލްޑޯއަށް އިތުރު ފުރުސަތެއް ލިބުނުއިރު، ހޫނުކޮށް ފޮނުވާލި ބޯލަށް ގޯލަށް އަމާޒު ނުވެ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ވޯލްޑް ކަޕްގައި މިހާތަނަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާޞިލްވެވިފައިނުވާ ޕޯޗުގަލް ޤަތަރު ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް، ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ، މެޗުގެ 65 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އޭރިއާގެ ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ޖެހީވެސް އޭނައެވެ.

އެކަމަކު މެޗުގެ 73ވަނަ މިނެޓުގައި ޣާނާއިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެންޑްރީ އާޔޫއެވެ. އެކަމަކު އޭގެ އިރޮކޮޅެއް ފަހުން ޕޯޗުގަލްގެ ޖާއޯ ފީލިކްސް ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ.

ޖާއޯ ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފެއެލް ލިއޯއެވެ. މެޗު ނިމުމުގެ ކުރިން މިމެޗުގައި ޣާނާގެ ޓީމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮސްމާން ބުކާރީއެވެ. ހަނި ތަފާތަކުން ބަލިވި ނަމަވެސް މިމެޗުގައި ޣާނާގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މިމެޗުގައި ޕެނަލްޓީ ކާމިޔާބުކުރުމުން ރޮނާލްޑޯއަށް ވަނީ ދެ ރެކޯޑެއް ހެދިފައެވެ. އެއީ ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑާއި ތިން ވޯލްޑް ކަޕުގައި ޕެނަލްޓީއިން ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެވެ.