މިމަހުގެ ކުރީކޮޅު މާފަންނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި ޖުމްލަ 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އަލިފާނުގެ ޙާދިސާ ހިނގި މ. ނިރުފެހިގޭގެ އިތުރުން ދެން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވަނީ މ. ވާދީގެ ހަތަރު ގޭބީސީއަކަށާއި މ. ސޭންޑްރޯސްގެ އެއް ގޭބީސީއަކަށެވެ.

އެންޑީއެމްއޭ އިން ބުނީ ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން ހާލުގައިޖެހުނު 5 ގޭބީސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށެވެ.

އަދި މި މުއްދަތުގައި އެމީހުންގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެއެވެ. އެންޑީއެމްއޭ އިން ވަނީ މި އާއިލާތަކަށް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސްއާއި އެއްމަހުގެ ކުލީގެ ފައިސާވެސް ހަމަޖައްސައިދީފައެވެ.

ހާދިސާ ހިނގި ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 9 ބިދޭސީއަކަށް އެމީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓް އެހީތެރިކަމާއެކު ކުރިއަށްދާކަމަށާއި ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެހީތެރިކަމާއެކު މިހާރު ނިންމާލެވިފައިވާ ކަމަށް ބުނެއެވެ.

އެންޑީއެމްއޭ އިން ވަނީ މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގައި މިހާރު އެއްވެސް އާއިލާއެއް ނެތްކަން ފާހަގަކޮށްފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގު މަގުކުރުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު މ. ނިރުފެހިގޭގައި ހިންގަމުންދާ ގަރާޖެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 ބިދޭސީ މަސަައްކަތްތެރިން ވަނީ ނިޔާވެފައެވެ. މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު މިހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނިޔާވި ހާދިސާއެވެ.