ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ދާރުލްއާސާރަށް ހިލޭ ވަދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް ޤައުމީ ދާރުލްއާސާރުން ބުނެފިއެވެ.

އެގޮތުން މާދަމާ ހެނދުނު 10:00 އިން އިރުއޮއްސި 06:00 އާއި ހަމައަށް ދާރުލްއާސާރު ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި ދާރުލްއާސާރު ހުޅުވައިދެއްވީ އޭރުގެ ބޮޑުވަޒީރު މުޙައްމަދު އަމީން ދީދީއެވެ. މިހާރު ބޭނުންކުރަމުންދާ ޤައުމީ ދާރުލްއާސާރުގެ އިމާރާތަކީ ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވާ ބޭނުން ކުރަން ފެށި އިމާރާތެކެވެ.

ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޤައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުޞަތު އާއްމުކޮށް އޮންނަނީ ޓިކެޓް ގަނެގެންނެވެ.

ޤައުމީ ދާރުލްއާސާރަކީ ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި އެއްތަނަކުން ބަލާލުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ތަނެކެވެ.