އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް މަޝްވަރާކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިކަންހާމަކޮށް ކުރި ޓުވީޓެއްގައި ބުނީ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއި ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާއާއިއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ.

އަވަށްޓެރި ލަންކާ އާއި އިންޑިއާގެ އިތުރުން ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދެއެވެ. ނިމިދިޔަ އިންތިޚާބުގައި މި ޤަޢުމުތަކުގެ އިތުރުން އިނގިރޭސިވިލާތާއި ސިންގަޕޫރުގައިވެސް ވަނީ ވޯޓު ފޮށިތައް ބަހައްޓާފައެވެ.

ބެލެވޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނާނެއެވެ. ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބަށް އަހަރަކަށްވުރެ ކުޑަދުވަސްކޮޅެއް އޮތްއިރު ޕާޓީތަކުން އަންނަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރަމުންނެވެ.