ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތަށް ބަދަލު ގެނައުމަށްޓަކާ މިހާރު ކުރިޔަށްދަނީ ގިންތި ކުރުމުގެ މަސައްކަތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިއުވާން ވިދާޅުވިއިރު ލ. ގަމުގައި ކުރިޔަށްދިޔަ، ވިއަވަތި ރާއްޖެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްދޭނެ ކަމަށް ތިން ވަނަ ފަހަރަށް ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތް ބޮޑުވެގެންދާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ގިންތިކުރުމުގެ މަސައްކަތް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތަކުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިިއިރު މި ނިޒާމު އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުކުރުމަށްޓަކައި، މިހާރު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި އެ ނިންމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށް ރައީސް އަނެއްކާ ވެސް ވިދާޅުވިއިރު، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ވައުދުވެވަޑައިގަތެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިކަން ނުވެ ލަސްވަމުންދާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އާއިލާތަކާއި އެ ފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރާ ޖަމްއިއްޔާ ޖަމައާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2000 ރުފިޔާއެވެ. އެ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކޮށްދޭން އެދި މިދިޔަ އަހަރު ފަހުކޮޅުގައި ރައީސަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.
އިނާޔަތް ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، އިނާޔަތް ބޮޑުކުރާނެ މިންވަރެއް ހާމަކުރައްވާފައެއް ނުވެއެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމްލަ އަދަދާއި ތަފްސީލް އެނގޭނެ ގައުމީ ދަފްތަރެއް ނެތް ކަމަށެވެ.
އެހެންކަމުން، އެފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ދަފްތަރު ނިންމައި، މި އަހަރުގެ ފަހުކޮޅު އިނާޔަތް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް، 2019 ވަނަ އަހަރު އިސްލާހެއް ހުށަހެޅިއެވެ.
ނަމަވެސް އެ އިސްލާހަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތާއީދު ނުލިބި، އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.