ތަޢުލީމީ ދާއިރާގައި ގުޅިގެން މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެޑިއުކޭޝަން މިނިސްޓްރީއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ތަރުބިއްޔަތާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ދެ މުއައްސަސާގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މި ފަހުމުނާމާގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އައިޝަތު ޢަލީ ސޮއިކުރެއްވިއިރު އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއެވެ.

ރާއްޖޭގެ މުޖުތަމަޢު ކޮރަޕްޝަނުން ސަލާމަތްކޮށް ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އޭސީސީން އަންނަނީ ކަމާބެހޭ މުއައްސަސާތަކަށާއި ރައްޔިތުންނަށް އަމާޒުކޮށް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ހިންގުނު ހަރަކާތްތަކުގެ ތެރޭގައި މިދިޔަ މަހު ސަރުކާރުގެ ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ އެންޓި-ކޮރަޕްޝަން ކޮންފަރެންސް ފާހަގަކޮށްލެވެއެވެ. އަދި ވިލާކޮލެޖާއި ގުޅިގެން ކޮރަޕްޝަނާމެދު އާއްމުން ދެކޭގޮތުގެ ޤައުމީ ދިރާސާއެއް ކުރުމަށްވެސް އޭސީސީން ވަނީ ނިންމާފައެވެ.