އެހެންމީހުންގެ އުނިސިފަތަކައިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

އަމިއްލަ ނަފްސު އިޞްލާޙުކުރަން އިސްކަންދިނުމުގެ މައްޗަށް އަލިއަޅުވާލައި ކުރިއަށް ގެންދިޔަ މިއަދުގެ ޚުތުބާގައި ވަނީ އިސްލާމްދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފްސުގެ ރައްކާތެރިކަން ދީފައިވާ ދީނަކަށްވުމުން އިންސާނީ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފްސު ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅުއްވާކަން ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް ތިމާގެ މުސްލިމް އަޚާގެ ނަފުސުގެ ކަރާމާތާއި ޢިއްޒަތް ނަގައިނުލުމަށާއި އެ އަޚުންގެ ކުށްތަކާއި، ޢައިބުތަކާއި، އުނިސިފަތަށް ހޯދާ ކަޝްފުކުރުން އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައިކަން މިއަދުގެ ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ ސަބަބަކީ އެފަދަ ކަންކަމަކީ އިންސާނާގެ ދުންޔަވީ ޙަޔާތާއި އުޚުރަވީ ޙަަޔާތް ފަސާދަކުރާ ކަމަކަށް މިކަން ވާތީކަމަށްވެސް ޚުތުބާގައިވަނީ ބުނެފައެވެ. އަދި މިފަދަ މީހުންނަށް ތިމާމެންގެ އަމިއްލަ އުނި ސިފަތައް ނުފެނި އަބަދުވެސް ފެންނާނީ އެހެންމީހުންގެ އުނި ސިފަތައްކަންވެސް ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ.

އަދި ރަސޫލާ(ޞޢވ) އަޅުގަނޑުމެންނަށް އިރުޝާދުދެއްވާފައިވަނީ ކޮންމެ މީހަކުވެސް އަނެކާގެ އުނިސިފަތަކައް ނުބަލައި ތިމާގެ އަމިއްލަ ނަފްސުގެ އުނި ސިފަތައް ބަލައި އެކަން ރަނގަޅުކުރުމަށް އިސްކަންދިނުމަށް ކަމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

" ތިޔަބައިމީހުންކުރެ މީހަކަށް އޭނާގެ އަޚާގެ ލޮލުގައިވާ ކުނިކޮޅު ފެންނައިރު، އޭނާގެ ލޮލުތެރޭގައިވާ ކުނިގަނޑު މަތިން ހަނދާނެއް ނުހުރެތެވެ"
ޚުތުބާ

މިފަދައިން މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާއިރުވެސް މިއަދުގެ ޙާލަތަކީ އަބަދުމެ މީހުންގެ އުނި ސިފަތައް ހޯދައި ސޯޝަލްމީޑިއާގައި އެކަން ހާމަކުރަމުން ދިއުންކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"ބައެއްފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތްކުރަނީ މީހުންގެ ޚާލަތާއި ސިފައާއި ބެހޭގޮތުން. އަނެއްބައިފަހަރު މަލާމާތްކޮށް ނެތިމޮށެނީ މީހުންގެ ޙަސަބާއި ނަސަބާއި ބެހޭގޮތުން. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެއްވެސް އުނިސިފައެއް ނެތް ފުރިހަމަ ބައެއް. އެހެންމީހުންނަކީ އުނި ބައެއް."
ޚުތުބާ

އަދި މުސްލިމުންނަށް ކުރިމަތިވާ މުޞީބާތްތަކަށް އުފާނުކުރުމަށްވެސް މިއަދުގެ ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެންގެ ކިބައިގަވެސް އުނިސިފަތަކާއި ޢައިބުތައް ހުންނާނެކަން ދެނެގެން އަމިއްލަ ނަފްސު އިޞްލާޙުކުރުމަށާއި އެހެންމީހުންގެ ކުށްތައް ވަންހަނާކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި އިވިގެންދިޔަ ޚުތުބާގައި ގޮވާލިއެވެ.