ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވުމާ ގުޅިގެން ލޮކްޑައުން ކުރުމަށާއި، ފިޔަވަޅުތައް ހަރުކަށި ކުރުމަށް ޗައިނާ ސަރުކާރުން އަމުރު ކޮށްފިއެވެ.
ޗައިނާގެ އެކި ކަންކޮޅުތަކުން ބުރާސްފަތި ދުވަހު 31،000 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވިއިރު، ހުކުރު ދުވަހުގެ އަދަދުވަނީ 33،000 އަށް އަރާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަ ނަމަވެސް، ގިނަމީހުންގެ ގައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޗައިނާގެ އެކި ސިޓީތަކުން ކޮވިޑްގެ އައުޓްބްރޭކްތައް ރިޕޯޓް ކޮށްފައިވާއިރު، އެންމެ ގިނަމީހުންނަށް ކޮވިޑް ޖެހުނީ ނަންޖިންއިންނެވެ.
އެކަމާހެދި ނަންޖިންގެ އެންމެން ކޮވިޑަށް ޓެސްޓްކުރަން ސަރުކާރުން މިހާރުވަނީ އަމުރު ކޮށްފައެވެ.
ދުނިޔޭގެ އެންމެބޮޑު އައިފޯން ފެކްޓަރީ ހުންނަ ޒެންގްޒޫގެ 8 އަވަށަކުން އާންމުން ބޭރަށް ނުކުމެއުޅުން އިއްޔެއިން ފެށިގެންވަނީ މަނާކޮށްފައެވެ.
ގުއާންޒޫއިންވެސް ކޮވިޑްގެ ނެގަޓިވް ޓެސްޓެއް ހިފައިގެންނޫނީ، އާންމުން ބޭރަށް ނުކުމެއުޅުން ވަނީ މަނާކޮށްފައެވެ. ވެރިރަށް ބެއިޖިންގުގެ ރައްޔިތުން މިހާރުދަނީ، ލޮކްޑައުންގެ ހާލަތު އަތުވެދާނެތީ ފިހާރަތަކުން ތަކެތި ގަނެ ގެއަށް ޖަމާކުރަމުންނެވެ.
ޗައިނާގައި ކޮވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވެ، ފިޔަވަޅުތައް ހަރުކަށި މިކުރީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި، ހިތްހަމަޖެހުމެއް ލިބޭނޭ ކަމަށް އާންމުންނާއި ވިޔަފާރިވެރިން އުންމީދުކޮށްގެން ތިއްބައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒީރޯ-ކޮވިޑް ޕޮލިސީގެދަށުން ޗައިނާއަކީ މިވަގުތު މުޅި ދުނިޔޭގައިވެސް، ކޮވިޑާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާފައިވާ ގައުމެވެ.
ޗައިނާގެ ގިނަ ރައްޔިތުންނަށް ކޮވިޑްވެކްސިން ޖަހާފައިވާއިރު، ކޮވިޑްބަލި ފަތުރާ ވައިރަސް މިއުޓޭޓްވެ، ވަރުގަދަވަމުންދާއިރު، ޗައިނާގެ ގިނަމީހުންނަށް ދަނީ ކޮވިޑް ޖެހެމުންނެވެ.
މިގޮތަށް ދިމާވަނީ، ޗައިނާއިން ރައްޔިތުންނަށް ދީފައިވާ ވެކްސިން، އެމްއާރްއެންއޭ ވެކްސިންހާ އިފެކްޓިވް ނުވުމުންކަމަށް ވެދާނޭ ކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވެއެވެ.