މިދިޔަ ހޯމަދުވަހު އިންޑޮނޭޝިޔާގެ ޖާވާއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރައިފިއެވެ.
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވެގެންދިޔައީ، ބިންގަނޑު ކަނޑައިގެންގޮސް ފަސްގަނޑުދަށުވެ މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ފެނުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް، އަދިވެސް 24 މީހަކު ނުފެންނަ ކަމަށް، އޮފިޝަލުން ވިދާޅުވެއެވެ.
ބިންހެލުމުގައި އެންމެބޮޑު ގެއްލުންތައް ލިބުނު ހުޅަނގު ޖާވާގެ ސިއަންޖުރް އަވަށަކީ ފަރުބަދަމަތީ އަވަށެވެ.
ބިންހެލުމާ ގުޅިގެން ބިންގަނޑު ކަނޑައިގެންގޮސް، އެތައް ޓަނެއްގެ ޗަކަ ފަހާއި، ގަލާއި، ބިނދިފައިވާ ގަސްތައް އަވަށުގެ ތެރެއަށް ފައިބާފައި ވެއެވެ.
1،500 އެއްހާ މެމްބަރުން ހިމެނޭ، މީހުން ސަލާމަތްކުރާ ޓީމަކުން ގެންދަނީ ސިއަންޖުރްގައި ހަރަކާތްތެރިވަމުންނެވެ. މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް މިއަދު ފެނިފައިވަނީ މި ޓީމުން ކުރި މަސައްކަތުންނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ވެރިޔާ ސުހަރިޔަންޓޯ ވިދާޅުވީ، ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި، އެނޫން އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް 110 ތަނެއްގައި ވަގުތީ ހިޔާވަހިކަން ގާއިމްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސުހަރިޔަންޓޯ ވިދާޅުވީ، ބިންހެލުމުގެ ސަބަބުބން 56،000 ގެދޮރު ހަލާކުވެ، 36،000 މީހުން މަގުމަތިވި ކަމަށެވެ. އަދި 363 ސްކޫލް ހިމެނޭގޮތުން އެތައްސަތޭކަ އިމާރާތެއް ހަލާކުވި ކަމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނެފައި ވެއެވެ.
ބިންހެލުން އައި ވަގުތަކީ ސްކޫލްތަކުގައި ކިޔަވައިދެމުން އައި ވަގުތުކަމުން، ސްކޫލް އިމާރާތްތައް ވެއްޓުމުގެ ސަބަބުން ބިންހެލުމުގައި އެންމެ ގިނައިން މަރުވެފައިވަނީ ސްކޫލްކުދިންނެވެ.
ހޯމަދުވަހު ޖާވާއަށް އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 5.6 ގައެވެ. މިއީ، އާންމުކޮށް ސީރިއަސް ގެއްލުންތައް ލިބޭފަދަ ބާރުމިން ހުރި ބިންހެލުމެއް ނޫނެވެ.
އެހެން ނަމަވެސް، އެތައްބަޔަކު މަރުވެ، އެތައްސަތޭކަ އިމާރާތެއް ވެއްޓި ބޮޑެތި ގެއްލުންތައް ލިބިގެންދިޔައީ، ބިންހެލުން އައީ، ބިމުގެ ތިލަ ހިސާބަކަށް ކަމުންނާއި، އެއީ ބައިބޯ ސަރަހައްދަކަށް ވެފައި، އިމާރާތްތައް ހެދިފައި ހުރީ ބިންހެލުންތަކުން ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަކަށް ނޫންކަމަށްވާތީ ކަމަށް ބެލެވިފައި ވެއެވެ.
އިންޑޮނޭޝިޔާ އުފެދިފައި އޮންނަ ތަނުގެގޮތުން އެގައުމަކީ ދުނިޔޭގައި ބިންހެލުމުގެ އެންމެ ގިނަ އަދި އެންމެބޮޑު ނުރައްކާތެރި ހާދިސާތައް ހިނގާ އެއް ގައުމެވެ.