ޤަތަރު ވޯލްޑް ކަޕް | 25 ނޮވެމްބަރު 2022 | ގުރޫޕް އޭގެ 4 ވަނަ މެޗު: ނެދަލޭންޑްސް އަދި އިކުއެޑޯ

ވޯލްޑް ކަޕް 2022 ގައި ނެދަލޭންޑްސް އާއި އިކުއެޑޯ ކުޅުނު މެޗުގެ ނަތީޖާ އެއްވަރުވުމުން، މުބާރާތް ބާއްވާ ޤަތަރު ކަޓައިފިއެވެ.

މިއީ 12 އަހަރަށް ފަހު މުބާރާތް ބާއްވާ ގައުމު ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ. މީގެކުރިން ވޯލްޑް ކަޕްގައި ކުޅެފައި ނުވާ ޤަތަރަށް މިއަހަރުގެ ވޯލްޑް ކަޕްއިން ޖާގަ ލިބުނީ، ހޯސްޓްކުރާ ގައުމަށް ވާތީއެވެ.

ޤަތަރު މުބާރާތުން ކެޓީ ޤަތަރު ހިމެނޭ ގުރޫޕް އޭގެ 4 ވަނަ މެޗުގައި، މިރޭ ނެދަލޭންޑްސްއި އިކްއެޑޯގެ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން ހަމަހަވެ، ޤަތަރަށް މިގުރޫޕްގެ ދެވަނަ ލިބެން އޮތް ހުރިހާ ދޮރެއް ބަންދުވުމުންނެވެ.

ގުރޫޕް އޭގައި ހިމެނޭ ކޮންމެ ޓީމަކުން މިހާތަނަށް ދެމެޗު ކުޅެފައިވާއިރު ނެދަލެންޑްސް އާއި އިކުއެޑޯއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ދެން މިގުރޫޕްގައި ހިމެނޭ ސެނެގާލް އަށް ތިން ޕޮއިންޓް ލިބިފައިވާ އިރު ޤަތަރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭ ޚަލީފާ އިންޓަނޭޝލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނެދަލެންޑްސްއަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކީ އިކުއެޑޯ އިންނެވެ.

ގުރޫޕް އޭގެ 4 ވަނަ މެޗުގެ ތެރެއިން --- ފޮޓޯ: ސްކައި

އެކަމަކު ފުރަތަމަ ހާފުގެ 6 ވަނަ މިނެޓްގައި މެޗުގެ ލީޑް ނެގީ ނެދަލޭންޑްސްއެވެ. މިލަނޑު ޖަހައިދިނީ މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅަދާނަ ފޯވާޑް ކޯޑީ ގަކްޕޯއެވެ.

އޮފް-ސައިޑް ގޯލްތައް ގިނަ މިމުބާރާތުގައި، މިމެޗުންވެސް އެފަދަ ގޯލެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕާވިސް އެސްޓޫޕިނަން އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނުމުން ސަޕޯޓަރުންނާއި އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރިއެވެ.

އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)އިން ކަށަވަރުކުރުމަށް ފަހު ރެފްރީ ނިންމީ އިކުއެޑޯގެ ކުޅުންތެރިޔަކު އޮފް-ސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

އިކުއެޑޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައެވެ. އެޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ އެނާ ރަމްބާޓޯ ވެލެންސިއާއެވެ. އޭނާ ލަނޑު ޖެހީ، އިކުއެޑޯއިން ފޮނުވާލި ހަމަލާއެއް ނެދަލެންޑްސްގެ ކީޕަރު މަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އެއްފަހަރުން ޖަހައި ގޯލަށް ފޮނުވައިލައިގެންނެވެ.

ދެ ވަނަ ހާފު ނިމިގެން ދިޔައީ އިކުއެޑޯގެ ހަގީގީ ކަންބޮޑުވުމަކާއެކު، އެއީ ފޯވާޑް ވެލެންސިއާ އަށް އަނިޔާވެގެން ސްޓްރެޗާއެއްގައި ބާލަންޖެހުމުންނެވެ.

މިނަތީޖާއާއެކު ގުރޫޕްގެ ފުލުގައި އޮތް ޤަތަރަށް ވަނީ، ވޯލްޑް ކަޕަށް ހާއްސަކޮށް 12 އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތަށް އަލްވަދާއުކިޔަން ޖެހިފައެވެ.

ގަދަ 16 އަށް ދިއުމަށް ނެދަލޭންޑްސް އަށް ބޭނުންވަނީ އަންގާރަ ދުވަހު އޮންނަ މެޗުގައި ޤަތަރުގެ ޓީމާ ދެކޮޅަށް ޕޮއިންޓެއް ހޯދުމެވެ. އަދި އިކުއެޑޯ އަށް ބޭނުންވަނީ ހަމައެކަނި އެއްވަރުވުން ކަމަށް ވާއިރު، ސެނެގާލް އަށް ބޭނުންވަނީ މޮޅުވުމެކެވެ.