ޤަތަރު ވޯލްޑް ކަޕް | 25 ނޮވެމްބަރު 2022 | ގުރޫޕް ބީގެ 4 ވަނަ މެޗު: އެމެރިކާ އަދި އިންގުލޭންޑް

ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ހުކުރު ދުވަހުގެރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް ބީގެ 4 ވަނަ މެޗުން އިންގުލޭންޑާއި އެމެރިކާ އެއްވަރުވެއްޖެއެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނު މިމެޗުގެ ފުރަތަމަ ހާފުގެ 25 ވަރަކަށް މިނިޓު އިންގުލޭންޑަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްވެ، ބޭކާރުވެފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ އެމެރިކާގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކޮށްފައެވެ. އެކަމަކު، އޭނާ ފޮނުވާލި ހަމަލާއަށް ފަހަތުގައި ހުރި އެމެރިކާގެ ކުޅުންތެރިއަކު ވަނީ ހުރަސްއަޅާފައެވެ. ޑިފެންޑަރު ވޯލްކާ ޒިމާމަންގެ ފައިގައި ޖެހިފައި އެބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

އޭގެ ފަހުންވެސް އެފަދަ ފުރުސަތުތަކެއް ލިބި ބޭކާރުވިތަން ފެނުނެވެ. ފުރަތަމަ ހާފުގެ 20 މިނިޓު ހިނގި ފަހުން، އެމެރިކާގެ ޓީމުން ވަނީ ކުޅުމަށް ބަދަލު ގެނެސް ފުރުސަތުތައް ތަނަވަސްކޮށް އިންގުލޭންޑަށް ނުރައްކާކޮށްފައެވެ. އެގޮތުން، އެމެރިކާގެ މެކޭނީ އަދި ކްރިސްޓަން ލިބުނު ފުރުސަތުތަކުގައި ފޮނުވާލި ހަލަލާތައް ގޯލަށް އަމާޒުނުވިއެވެ.

މިމެޗުގައި އިންގުލޭންޑުން ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައި ނުވާއިރު، އެމެރިކާއިން ފެށީ ޖޯޝުއާ ސާޖަންޓުގެ ބަދަލުގައި ހާޖީ ރައިޓާއެކުއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ފެނުނީ އެމެރިކާއިން ފޯމުގައި ކުޅެ، ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ތަނެވެ. އެކަމަކު އެފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވުނެވެ.

މެޗު ނިމެން ދަނިކޮށް އިންގުލެންޑުނ ވެސް ނުރައްކާ ހަމަލާތަކެއް އުފެއްދިއެވެ. އެކަމަކު ހަމަލާތައް ސީދާ ގޯލަށް އަމާޒުވާ ގޮތް ނުވިއެވެ.

ގުރޫޕް ބީގެ 4 ވަނަ މެޗުގެ ތެރެއިން --- ފޮޓޯ: ސްކައި

މި ނަތީޖާއާއެކު، މިގުރޫޕްގެ އެއް ވަނައިގައި އިންގްލަންޑް އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އިރާނެވެ. ތިންވަނައިގައި އެމެރިކާ އޮތީ ދެޕޮއިންޓް ހޯދައިގެންނެވެ. އަދި ފުލުގައި އޮތް ވޭލްސްއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މިމުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުން އިރާން އަތުން އިންގުލޭންޑް ވަނީ މޮޅުވެފައެވެ. އެމެޗުގެ ފަހު ހާފުގައި އިތުރު ވަގުތުގެ 12 މިނިޓު ކުޅުންއިރު، މެޗު ނިމުނީ އިތުރު ވަގުތުގައި އީރާންގެ މެހްދީ ތާރޭމީ ޖެހި ގޯލަކާއެކު 6-2 ގެ ނަތީޖާއަކުންނެވެ.

އެމެރިކާ އަތުން އިންގުލޭންޑް މޮޅުވިނަމަ ދެވަނަ ބުރުން ޖާގަ ކަށަވަރުވި ފުރަތަމަ ޓީމަކަށް އެޓީމު ވީހެވެ. އެކަމަކު ހުކުރު ދުވަހުގެ ރޭގެ މެޗު 0-0 އިން އެއްވަރުވުމުން އިންގުލޭންޑަށް އިތުރު އިންތިޒާރެއް ކުރަން މިވަނީ ޖެހިފައެވެ. ފަހު މެޗުގައި ވޭލްސް އަތުން ތަފާތު ބޮޑުކޮށް ބަލިވުން ނޫން ކޮންމެ ގޮތަކުން ވެސް އިންގުލޭންޑަށް ދެވަނަ ބުރަށް ދެވޭނެއެވެ.

މިމުބާރާތުގައި މިއަދުވެސް މެޗުތަކެއް ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާ އާއި އޮސްޓްރޭލިއާގެ ކުރިމަތިލުން އޮތްއިރު، ދެވަނަ މެޗުގައި ޕޮލަންޑު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

މިރެއަށް ފްރާންސާއި ޑެންމާކުގެ މެޗެއް ތާވަލުކޮށްފައި އޮތްއިރު، ދަންވަރު މެކްސިކޯ އާއި އާޖެންޓީނާ ކުޅޭނެއެވެ