ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވީނިއުސް" އަށް ވިދާޅުވީ، ހުޅުމާލޭ ބީޗް ކުލަބުގައި ހުރި މީހެއްގެ ދަބަހުގައި ގޮވާ ޒާތުގެ އެއްޗެއް އޮތްކަމަށް ބުނާތީ ދިވެހި ފުލުހުންގެ ޚިދުމަތަށް އާންމުންގެ ފަރާތުން ރިޕޯޓެއް ރޭ ލިބުނު ކަމަށެވެ. އާންމުން އެކަން ރިޕޯޓްކުރުމުން އެސަރަހައްދަށް ހުޅުމާލޭ ޕޮލިސް ސްތެޝަންގެ ފުލުހުން ގޮސް ހަރަކާތްެރިވި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައި 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، ބަލަންޖެހޭ ކަންކަން ފުލުހުންގެ އިދާރާއިން އަންނަނީ ބަލަމުންނެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ފުލުހުން ވަނީ ދާދިފަހުން އައްޑޫ ސިޓީއާއި މާލެއާއި ކ. ގުރައިދޫގައި ފުލުހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ ގިނަ ބަޔަކު މަރާލަންވެގެން ދޭން އުޅުނު ނިރުބަވެރި ހަމަލާއެއް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށް ބުނެފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި އައްޑޫ ސިޓީއިން ހައްޔަރު ކުރި އެކަކު އަތުން ބޮމެއް ފެނުނުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިދިޔަ އަހަރު ސުޕްރީމް ކޯޓު ކައިރިން ފެނުނު އެއްޗެއް، ގޮވާ ޒާތުގެ އެއްޗެއް ކަމަށް ޝައްކުކުރެއްވި ސިފައިން ހަރަކާތްތެރިވެފައި ވެއެވެ. އެކަމަކު ސިފައިންގޭގެ ބޮން ސްކޮޑުންގޮސް ބެލިއިރު، އެއީ ނުރައްކާތެރި އެއްޗެއް ކަމަކަށް ނުފެނުނެވެ.