މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ، އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑެމީއަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ އެކެޑެމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފައެވެ. މީގެއިތުރުން އެކަމަނާ ވަނީ އެ އެކެޑެމީގައި އޮންނަ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ، ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވާފައި މިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އައްޑޫ ސިޓީއަށް މިނިސްޓަރ ކުރައްވަމުން ދެންދަވާ ދަތުރުފުޅުގައި އިއްޔެވަނީ އެމްއެންޑީއެފް ޏ.ފުވައްމުލަކު ޕޯސްޓަށްވަޑައިގެން، އެ ޕޯސްޓުގެ ސިފައިންނާ ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރ މާރިއާގެ މި ދަތުރުފުޅުގަ އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ބައިވެރިވެ ވަޑައިގަންނަވައެވެ.