ދުނިޔެއިން ނެތި ހުސްވެދާނެ ކަމުގެ ބިރު އުފެދިގެން ހިމާޔަތް ކޮށްފައިވާ ދިރޭތަކެތި ރައްކާތެރިކުރުމާއި، އޭގެ ވިޔަފާރި ހުއްޓުވުމަށް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާއެކު 500 ބާވަތެއްގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ނިންމައި، އދގެ ވައިލްޑްލައިފް ކޮންފަރެންސް ނިންމާލައިފިއެވެ.
ދެ ހަފްތާއަށް ދެމިގެންދިޔަ އދގެ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެން ފްލޯރާ" ބާއްވާފައިވަނީ ޕެނަމާގައެވެ. ކޮންފަރެންސް އިއްޔެ ނިމުނުއިރު 184 ގައުމަކުން މި ކޮންފަރެންސްގައި ބައިވެރިވިއެވެ.
މި ކޮންފަރެންސްގައި، ޚާއްސަކޮށް މިޔަރުގެ ވިޔަފާރީގެ ތެރެއިން މިޔަރު އުރަހައިގެ ވިޔަފާރި ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ އިތުރުން، ޓްރާންސްލޫސެންޓް ނުވަތަ އެތެރެފެންނަ ކުދި ބޮއްތަކުގެ ވިޔަފާރި މަނާކުރަން ނިންމާފައި ވެއެވެ.
މަސްވެރިކަމުގެ ތެރޭގައި އަހަރެއްގެ މައްޗަށް 100 މިލިއަން މިޔަރު މަރުވަމުންދާ ކަމަށާއި، މިޔަރުގެ އާބާދީ ދުވަހެއް ދުވަހަކަށް ދަށްވަމުންދާކަން ކޮންފަރެންސްގައި ފާހަގަ ކޮށްފައި ވެއެވެ.
ބައެއް ގައުމުތަކުން މިޔަރު ހިފަނީ، މިޔަރު އުރަހައިގެ ބޭނުމުގައެވެ. މިޔަރު އުރަހައަކީ ޗައިނާއާއި، އޭޝިޔާގެ ބައެއް ގައުމުތަކުގައި އަގުބޮޑު ސޫޕް ހެދުމަށް ބޭނުންކުރާ އެއްޗެކެވެ.
މީގެ 49 އަހަރު ކުރިން އެމެރިކާގެ ވޮޝިންޓަންގައި އެކަށައެޅި އިންޓަރނޭޝަނަލް ވައިލްޑްލައިފް ޓްރޭޑް ޓްރީޓީގެ ދަށުން، އެތުގެ އައިވަރީއާއި، ރައިނޯގެ ހޯރން އަދި ވޭލްސްއާއި، ވެލާގެ ޣައިރުގާނޫނީ ވަގު ވިޔަފާރިތައް ހުއްޓުވުމަށް ބާރަކަށް ވެގެންދިޔައެވެ.
މިފަހަރުގެ ކޮންފަރެންސްއިން ފިޔަވަޅުތައް ހަރުކަށިކުރި ކުދި ބޮއްތަކަކީ، އޭގެ ހެބިޓެޓް ނެތިދިއުމާއި، ބަލިމަޑުކަމާއި އަދި ޕެޓް ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ނެތިހުސްވެދާނެ ކަމުގެ ބިރު އުފެދިފައިވާ ބާވަތެއް ކަމަށް އިންޓަރނޭޝަނަލް ފަންޑް ފޮރ އެނިމަލް ވެލްފެއަރގެ އިންޓަރނޭޝަނަލް ޑިރެކްޓަރ ޖޯކިން ޑި ލަ ޓޯރޭ ވިދާޅުވެފައި ވެއެވެ.
ކުދި ބޮއްތައް ހިމާޔަތް ކުރުމުގެ އިތުރުން، ދެކުނު އެމެރިކާގައި ސާފު ފެނުގައި ދިރިއުޅޭ "މަޓަމަޓަ" ނަސްލުގެ ވެލާގެ ވިޔަފާރި ހުއްޓުވަން ފިޔަވަޅުތައް ހަރުކަށި ކުރަންވެސް ކޮންފަރެންސްގައި ވޯޓުލާފައި ވެއެވެ.
"ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެން ފްލޯރާ" އަށް ހުށަހެޅުނު 52 ޕްރޮޕޯސަލްގެ ތެރެއިން 46 ޕްރޮޕޯސަލްއެއް ފާސްކޮށްފައި ވެއެވެ.
ކޮންފަރެންސްއިން ފާސްކުރި ކަންކަމުގެ ތެރޭގައި، އެތައް ބާވަތެއްގެ ގަސްގަހާގެހި ހިމާޔަތް ކުރުމާއި، ކެނޑުން މަނާކުރުންވެސް ހިމެނެއެވެ.
ނަމަވެސް، ހިޕޯސްގެ ވިޔަފާރި ހުއްޓުވަން ހުށަހެޅި ޕްރޮޕޯސަލްއަށް ޔޫރަޕިއަން ޔޫނިއަނާއި، އެފްރިކާގެ ބައެއް ގައުމުތަކާއި، ކޮންޒަރވޭޝަން ގްރޫޕްތަކުން ދެކޮޅު ހެދުމުގެ ސަބަބުން އެ ޕްރޮޕޯސަލް ފާހެއް ނުވިއެވެ. ދެކޮޅުހެދި ގައުމުތަކުން ބުނީ، ހިޕޯގެ އާބާދީ ގައުމުތަކުގައި ބޮޑުވެފައި، އޭގެ ވިޔަފާރި ކުރުމަކުން އާބާދީ މަދުވުމަށް ހުރަހެއް ނެތްކަމަށެވެ.