ޤަތަރު ވޯލްޑް ކަޕް | 26 ނޮވެމްބަރު 2022 | ގުރޫޕް ޑީގެ 3 ވަނަ މެޗު: ޓިއުނީޝިއާ އަދި އޮސްޓްރޭލިއާ
ފީފާ ވޯލްޑް ކަޕް 2022ގެ ގުރޫޕް ޑީގެ 3 ވަނަ މެޗުން މޮޅުވެ، އޮސްޓްރޭލިއާ ދެވަނަ ބުރާއި ގާތަށް ޖެހިލައިފިއެވެ.
ޤަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުރިއަށްދިޔަ މިމެޗުގައި އޮސްޓްރޭލިއާ ކުރިމަތިލީ ޓިއުނީޝިއާގެ ޓީމާއެވެ. މިއީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕަށް ފަހު، އޮސްޓްރޭލިއާއިން ފީފާ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި އެޓީމުން ފުރަތަމަ ކުޅުނު މެޗު ނާކާމިޔާބުވެފައި ވާއިރު، އެމެޗުގައި ކުޅުނު ފްރާންސް މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން ވަނީ ޓިއުނީޝިއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، 3 ޕޮއިންޓް ހޯދާފައެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު އޮސްޓްރޭލިއާއިން ޖެހީ، 16 ވަނަ މިނެޓުގައެވެ. މިލަނޑު ޖެހީ މިޓްޗެލް ޑިއުކްއެވެ. މި މެޗުގައި ޓިއުނީޝިއާއަށްވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައި ވެއެވެ. އެކަމަކު އެހަމަލާތަކުގެ ހުރަހަކަށްވީ އޮސްޓްރޭލިއާގެ ކުޅަދާނަ ކީޕަރެވެ.
12 އަހަރަށް ފަހު ހޯދި، މިތާރީޚީ މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް އެބައޮތެވެ.
އޮސްޓްރޭލިއާއިން ވަނީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްގައި ވާދަކޮށްފައެެވެ. އެއަހަރުގެ ކުރިން އޮސްޓްރޭލިއާ ވޯލްޑް ކަޕްގައި ވާދަކުރީ ހަމައެކަނި 1974 ގެ މުބާރާތުގައެވެ.
އޮސްޓްރޭލިއާއަށް ވޯލްޑް ކަޕެއްގައި މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާއަކީ 2006 ގައި ދެ ވަނަ ބުރަށް ދިއުމެވެ.