ޤަތަރު ވޯލްޑް ކަޕް | 26 ނޮވެމްބަރު 2022 | ގުރޫޕް ސީގެ 3 ވަނަ މެޗު: ސަޢޫދީ ޢަރަބިއްޔާ އަދި ޕޮލޭންޑު

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ގައި ގުރޫޕް ސީގެ ދެވަނައިގައި އޮތް ޕޮލޭންޑުން ސަޢޫދީ ޢަރަބިއްޔާ ވައްޓާލައި ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޕޮލޭންޑުން މިގުރޫޕްގެ އެއް ވަނައަށް ޖެހިލީ، އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ސަޢޫދީ ކޮޅަށް ދެލަނޑު ޖަހައި ބަލިކޮށްގެނެވެ. މީގެކުރިން މިމުބާރުގައި އެޓީމުން ކުޅުނު މެޗުގައި ދުނިޔޭގެ ވަރުގަދަ އާޖެންޓީނާ 2-1 ގެ ނަތީޖާއަކުން ބަލިކުރި ސަޢޫދީ ޢަރަބިއްޔާއަށް މިމެޗުގައި ލަނޑެއް ނުޖެހުނެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅެފައި ވަނީ ސަޢޫދީއެވެ. ފުރަތަމަ ކޮޅު ސަޢުދީއިން ވަނީ ޕޮލޭންޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެކަމަކު ގޯލަށް އަމާޒުކޮށް އެޓީމުން ފޮނުވާލި ހަމަލާތައް ޕޮލޭންޑުގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު މަތަކޮށް، ގޯލް ސަލާމަތްކޮށްފައެވެ.

މިމެޗުގައި ޕޮލޭންޑުގެ ކުޅުންތެރިންގެ ފަރާތުން ކުޅިވަރުގެ އަޚުލާގާއި ޚިލާފު ވަރަށް ގިނަ ޢަމަލުތައް ފެނުނެވެ. ފައުލްތައް ގިނަ މިމެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި އެކަނި ވެސް ޕޮލޭންޑުގެ 3 ކުޅުންތެރިއަކަށް ރީނދޫ ކާޑު ވަނީ ދައްކާފައެވެ. ސަޢޫދީ ޢަރަބިއްޔާއިން މޮޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 39 ވަނަ މިނިޓުގައި ގޯލް ޖަހަން ފަހިވި ފުރުސަތެއްގެ ބޭނުންކޮށް ޕޮލޭންޑުގެ ޒެލެންސްކީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ.

މިލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ، ސަޢޫދީއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާގެ ތެރެއިން އިދިކޮޅު ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ފުރުސަތު ވަނީ ބޭކާރުވެފައެވެ. ސަޢޫދީގެ ފިރާސް އަލް ބްރިކާން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ޕޮލޭންޑުގެ ކީޕަރެވެ. ކީޕަރު މަަތަކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ބޯޅަ ވީ އޭރިއާގެ ތެރޭގައި ހުރި ސަޢޫދީގެ ކުޅުންތެރިއަކަށް ގޯލް ޖެހުމަށް ހުސްކޮށް ލިބުނު ފުރުސަތަކަށެވެ. އެކަމަކު، ބޯޅަ ފޮނުވާލެވުނީ މާ ބާރަށް ކަމަށް ވާތީ، ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ޕޮލޭންޑުން މިމެޗުގައި ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހު ހާފުގައެވެ.

އުއްމީދީ ގޮތަކަށް ވޯލްޑް ކަޕް ފެށި، ސަޢޫދީއަށް މިމެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ދެވަނަ ބުރަށް ދިއުމުގެ ދޮރު އެޓީމަށް އަދި ބަންދެއް ނުވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މާޒީއަށް ބަލާއިރު، މިހާތަނަށް އެޓީމުން ފަސް ވޯލްޑް ކަޕްގައި ކުޅެފައިވާއިރު، އެޓީމަށް ދެވަނަ ބުރަށް ދަތުރު ކުރެވިފައިވަނީ އެންމެ މުބާރާތެއްގައެވެ. ދެން ކުޅުނު މުބާރާތްތަކުގައި އެޓީމުން ވަނީ ގްރޫޕު ސްޓޭޖުން ކަޓާފައެވެ. ޕޮލޭންޑުން 8 ވޯލްޑް ކަޕްގައި ވާދަކުރިއިރު، ދެ ފަހަރެއްގެ މަތިން މުބާރާތުގެ 3 ވަނަ ނަގާފައި ވެއެވެ.