ޤަތަރު ވޯލްޑް ކަޕް | 26 ނޮވެމްބަރު 2022 | ގުރޫޕް ޑީގެ 4 ވަނަ މެޗު: ފްރާންސް އަދި ޑެންމާކު

ޤަތަރު ވޯލްޑް ކަޕް 2022ގައި ކުޅުނު ގުރޫޕް ޑީގެ ހަތަރު ވަނަ މެޗު ކާމިޔާބުކޮށް ފްރާންސްއިން ދެ ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މީގެ ކުރިން، މިމުބާރާތުގައި އޮސްޓްރެލިއާ ކައިރިން ވެސް މޮޅުވެފައިވާ ފްރާންސް މިމެޗުގައި ކުރިމަތިލީ ޑެންމާކާއެވެ. 2-1ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ފްރާންސްއިން ޖެހި ދެލަނޑު ޖަހައިދީފައި ވަނީ ދުނިޔޭގައި މިވަގުތުހުރި އެންމެ ޑިމާންޑް ބޮޑު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭއެވެ.

މިނަތީޖާއާއެކު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމަކީ ފްރާންސެވެ. އެޓީމު އޮތީ 6 ޕޮއިންޓާ އެކުގައި ގުރޫޕް ޑީގެ އެއް ވަނައިގައެވެ. ދެ ވަނައިގައި 3 ޕޮއިންޓާއި އެކުގައި އޮތީ އޮސްޓްރޭލިއާއެވެ. ތިނެއް އަދި ހަތަރު ވަނައިގައި އޮތީ ޑެންމާކާއި ޓިއުނީޝިއާއެވެ.

974 ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މިމެޗުގެ ކުރީކޮޅު ބޯޅަ ހިފަހައްޓައިގެން ފްރާންސްއިން ކުޅުނެވެ.

ފުރަތަމަ ހާފުގައި ފުރާންސްއިން ޑެންމާކުގެ ގޯލަށް ނުރައްކާކުރިއެވެ. އެޓީމުގެ ވަރުގަދަ ދެ ހަމަލާއެއް ގޯލަށް އަމާޒުކުރި މިހާފުގައި ޑެންމާކުގެ ކީޕަރު ކެސްޕާ ސްމައިކަލް ވަނީ ހުށިޔާރުކަމާއެކު ގޯލް ބަލަހައްޓާފައެވެ. މެޗުގެ 34 ވަނަ މިނިޓުގައި ޑެންމާކަށް ލިބުނު ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ، ކޮނެލިއަސް ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މިއީ މިހާފުގައި ޑެންމާކުން އުފެއްދި ހަމައެކަނި ހަމަލާއެވެ.

ޕާސިން އެންޑް އެޓޭކިން ގޭމެއް ފްރާންސްއިން ކުޅުނު މިހާފުގައި ޑެންމާކު ކުޅުނީ ފަހަތަށް ފައިބައިގެން ޑިފެންސިވް ގޭމެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދުނީ ފްރާންސްއަށެވެ. މިގޮތުން، 61 ވަނަ މިނިޓުގައި ކުޅަދާނަ ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ފްރާންސްއަށް ލީޑު ނަގައިދީފައެވެ. މިއާއެކު ޑެންމާކުން މަސައްކަތްކުރީ ނަތީޖާ ހަމަހަމަކުރެވޭތޯއެވެ. މިގޮތުން ކުރިއަށް ޖެހި ހަމަލާތައް އުފައްދަން ފެށުމުގެ ނަތީޖާއަކީ، މެޗުގެ 68 ވަނަ މިނިޓުގައި ޑެންމާކުން ކްރިސްޓެންސަންއަށް ލިބުނު ފުރުސަތެއްގައި ބޯޅަ ގޯލަށް ވައްދާލުމެވެ.

ނަތީޖާ ހަމަހަވުމުން އިތުރު ލަނޑެއް ޖެހިޔަނުދޭން ވެގެން އަނެއްކާ ވެސް ޑެންމާކުގެ ކުޅުންތެރިން ފަހަތަށް ފައިބާ ޑިފެންސް ވަރުގަދަ ކުރިއެވެ. އެކަމަކު މެޗުގެ ފަހުކޮޅު އެމްބާޕޭ ވަނީ ފްރާންސަށް އިތުރު ލަނޑެއް ޖަހައިފީފައެވެ. އެމްބާޕޭ، ފްރާންސް އަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދިނީ 84 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއް ގޯލަށް ވައްދާލައިގެންނެވެ.

މިމުބާރާތުގައި އެމްބާޕޭ ވަނީ އޮސްޓްރޭލިއާ ކޮޅަށް ވެސް ލަނޑު ޖަހައިފައެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ކުޅުންތެރިޔާ އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު ވަރަށް އަގުބޮޑު އާއެއްބަސްވުމެއްގައި މިދިއަ މޭ މަހު ސޮއިކޮށްފައެވެ. އެއީ ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ދިއުން ހުއްޓުވާލި އެއްބަސްވުމެކެވެ.