ޤަތަރު ވޯލްޑް ކަޕް | 26 ނޮވެމްބަރު 2022 | ގުރޫޕް ސީގެ 4 ވަނަ މެޗު: އާޖެންޓީނާ އަދި މެކްސިކޯ

ޤަތަރު ވޯލްޑް ކަޕްގައި ގުރޫޕް ސީގައި ހިމެނޭ ސަޢޫދީ ޢަރަބިއްޔާއާ ކުރިމަތިލި މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފުޓުބޯޅައިގެ އެއް ބާރު ކަމަށްވާ އާޖެންޓީނާއިން އެނބުރި އައުން ރަނގަޅުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އާޖެންޓީނާ އާއި މެކްސިކޯ ވާދަކުރި މެޗު ނިމިފައިވަނީ 0-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރި ހޯދައިގެންނެެވެ.

މިމެޗުގެ ކުރިން ގުރޫޕް ސީގެ އެއްވަނައިގައި އޮތީ އާޖެންޓީނާ އަތުން 1-2 ނަތީޖާއިން މޮޅުވި ސަޢޫދީ ޢަރަބިއްޔާއެވެ. ދެވަނައިގައި ޕޮލެންޑް އަދި މެކްސިކޯ އޮތްއިރު އާޖެންޓީނާ އޮތީ ގުރޫޕްގެ ފުލުގައެވެ. އެހެންކަމުން މިމެޗަކީ ދެޓީމަށްވެސް ދެވަނަ ބުރަށް ދިއުމަށް މުހިއްމު މެޗަކަށްވިއެވެ.

މި މެޗުގެ ކުރީކޮޅު މެކްސިކޯއިން ކުރިއަށް ޖެހި އާޖެންޓީނާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގޯލަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ފޮނުވާލެވުނު ތަނެއް ނުފެނެއެވެ. ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ފުރަތަމަ އުފެއްދުނީ އާޖެންޓީނާއަށެވެ. މެޗުގެ 34 ވަނަ މިނިޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅަ ގޯލަ ވަނުމަށް ހުރަހަކަށްވީ މެކްސިކޯގެ ކީޕަރެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މެކްސިކޯގެ އެލެކްސިން ވެގާ ލިބުނު ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. މިހަމަލާ ނާކާމިޔާބުކޮށްލީ އާޖެންޓީނާގެ ކީޕަރެވެ. ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި އާޖެންޓީނާއިން ފެނުނީ ކުރިއަށް ޖެހި ވަރަށް އެޓޭކިން ގޭމެއް ކުޅޭ ތަނެވެ. ފޮނުވާލި ނުރައްކަތެރި ހަމަލާއެއް ކާމިޔާބުކޮށް ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެޓީމުން ލީޑު ނެގި ލަނޑު ޖަހައިދިނީ ޑި މާރިއާ ފަހިކޮށްދިން ފުރުސަތަކުން މެސީއެވެ. މިލަނޑަށް ފަހު އިތުރު ހިތްވަރެއް ލިބި، އާޖެންޓީނާއިން ހަމަލާތައް ވަރުގަދަކުރިއެވެ. ނަތީޖާއަކަށްވީ 87 ވަނަ މިނިޓުގައި އާޖެންޓީނާއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އުުމުރުން 21 އަހަރުގެ އެންޒޯއެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާގެ ގޯލަށް ނުރައްކާކުރި މެކްސިކޯއަށް ދެވަނަ ހާފުގައި އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިނަތީޖާއާއެކު، މިގުރޫޕްގެ އެއްވަނައިގައި އޮތީ ޕޯލަންޑްއެވެ. ދެ ވަނައިގައި އާޖެންޓީނާއާ އޮތް އިރު ތިން ވަނައިގައި އޮތީ ސަޢޫދި ޢަރަބިއްޔާއެވެ. އަދި ފުލުގައި އޮތީ މެކްސިކޯއެވެ.

މެޗުގެ މޭން އޮފް ދަ މެޗުގެ ޝަރަފު ލިބިފައި ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ހާސިލުކުރި އާޖެންޓީނާގެ ކެޕްޓަން މެސީއަށެވެ. މިއާއެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނައިން މޭން އޮފް ދަ މެޗުގެ ޝަރަފު ހޯދި ކުޅުންތެރިޔާއަށެވެ. މިހާތަނަށް މެސީ ވޯލްޑް ކަޕުގައި ކުޅުނީ 21 ވަނަ މެޗެވެ.