ހުޅުމާލޭ އުތުރު އަވަށުގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމު ކޮށްފިއެވެ.

އެލިސްޓް އާންމު ކުރުމަށް މިއަދު އެޗްޑީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މިރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް 1413 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރެއްވިއެވެ.

އާތިފް ވިދާޅުވީ އެޗްޑީސީން މަސައްކަތް ކުރަނީ ފްލެޓް ދިނުމުގެ މަސައްކަތް ހާމަކަންބޮޑު ދެފުށްފެންނަ ގޮތަކަށް ކުރުމަށް ކަމަށެވެ.

ވިނަރެސް ފްލެޓް ގަތުމަށް ހުޅުވާލީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިނަރެސް ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރަމުންދާއިރު 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވިނަރެސް ފުލެޓްތައް އާންމުންނާއި ހަވާލުކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މިމަޝްރޫއުއަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހިނގަމުންދާ މަޝްރޫއެކެވެ. ވިނަރެސް ފްލެޓް މަޝްރޫއުގައި ޖުމްލަ 1،344 އެޕާޓްމަންޓް ހުންނަ ގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. މިތަނުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މިއެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެއެވެ.

ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގައެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.