ވިލާ އެޑިއުކޭޝަނަލް ސަރވިސެސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގެ ފޭސް 1ގައި ސުކޫލެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.
ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލު ހުންނާނީ ހުޅުމާލެ ފޭސް 1ގައެވެ. މި ސުކޫލުގައި 6 ފުލޯ ހުންނާނެއެވެ. އަދި ޖުމްލަ 761 ދަރިވަރުންގެ ޖާގައިގައި ހުންނަ މި ސުކޫލުގައި 20 ކްލާސްރޫމް ހުންނާނެއެވެ. މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ.
އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައިވެއެވެ. މީގެއިތުރުން، ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމްކުރެވިފައި ހުންނާނެއެވެ.
ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރެވުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް އާންމުންނަށް ލިބިގެންދާނެއެވެ. އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެއެވެ.
އެޗްޑީސީން ދަނީ ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން އެޗްޑީސީން ފާހަގަކުރެއެވެ.