މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކްރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ އަހަރު ހިންގި ހަރަކާތްތަކަށް 8 ބިލިއަނުގެ ރީޗެއް ލިބިފައިވާ ކަމަށް އެކުންފުނީގެ އެމްޑީ އަދި ސީއީއޯ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ތޮއްޔިބް މިހެން ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް ބޭރުގެ މީޑިއާތަކުން ޒިޔާރަތްކުރުމާމެދު ލިބޭ ތަރުހީބާމެދު "ވީ ޓީވީ" ގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުނެނެވެ.
ސުވާލަށް ޖަވާބު ދެއްވަމުން ތޮއްޔިބް ވިދާޅުވީ މީޑިއާގެ މީހުން ރާއްޖެ ގެނެއުމަކީ ރާއްޖެގެ ފަތުރުވެރިކަމަށް އެންމެ ފައިދާހުރި އެއް މަސައްކަތް ކަމަށެވެ.
އަދި މީޑިއާ ގްރޫޕްތަކުން ރާއްޖެއައިސް ކުރާ މަސަައްކަތުން ވަރަށް ބޮޑު ރީޗްއެއް ލިބޭ ކަމަށާއި މިއަހަރު އެކަނިވެސް 30 ވަރަކަށް މީޑިއާ ގްރޫޕް ރާއްޖެ ގެނެވިއްޖެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
މީގެއިތުރުން މިދިޔަ ދެތިން އަހަރު މިފަދަ ކަންކަމުގެ ރެކޯޑް ވަރަށް ބޮޑަށް ބަލަހައްޓާކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ މިދިއަހަރު އެކަނިވެސް އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހުރިހާ ހަރަކާތްތަކުން 8 ބިލިއަނުގެ ރީޗެއް ރާއްޖޭގެ އިޝްތިހާރުތަކަށް ލިބިފައިވާ ކަމަށެވެ.
ތޮއްޔިބް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އަދިވެސް ވަރަށް މަސައްކަތް ކުރަން އެބައޮތް ކަމަށާއި، އެހެންނަމަވެސް އެމްއެމްޕީއާރުސީން ވަރުބަލިވުމެއް ނެތި އެކަންކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ވަރަށް ގިނަ ހަރަކާތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ފާހަގަކޮށްލެވެއެވެ.