ގެންގުޅެނިކޮށް މަރުވިކަމަށް ބެލެވޭ ދޫނިތަކެއް މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން ފެނިއްޖެއެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ކުރި ޓްވީޓްގައި ވަނީ މާލޭ ދެކުނުފަރާތު ހާބަރަށް ވަންނަ ސަރަޙައްދުން 15 ވައްލަ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
އަދި މިއީ، ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެސަރަޙައްދު މޫދަށް އެއްލާލާފައިވާ ކަމަށް ބޮޑަށް ބެލެވޭ ދޫނިތަކެއް ކަމަށްވެސް އީޕީއޭއިން ބުނެއެވެ.
އެހެންކަމުން މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް އެނގޭ ފަރާތެއްވާނަމަ އެކަން އީޕީއޭއާއި ހިއްސާ ކޮށްދެއްވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ވައްލައަކީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ.
ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާކަމެކެވެ.