ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ރާއްޖެއިން ބައިވެރި ނުވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

މިކަމާގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ، މިމަހުގެ 21 ވަނަ ދުވަހުގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ރާއްޖެއިން ބައިވެރިވި ކަމަށް ބުނެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސީއައިޑީސީއޭ) އިން ނެރުނު ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށް އެނގޭ ކަމަށެވެ.

ނަމަވެސް މިފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރިވެފައި ނުވާކަމަށާއި، ބައިވެރިނުވުމަށް ނިންމި ނިންމުން މިމަހުގެ 15 ވަނަ ދުވަހު ޗައިނާ އެމްބަސީއަށް އެންގިކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ވަކިވަކި ފަރުދުން ނުވަތަ ވަކިބަޔަކު މި ފޯރަމްގައި ބައިވެރިވުމަކީ، ދިވެހި ސަރުކާރުގެ ރަސްމީ ތަމްސީލެއް ނޫން ކަމަށްވެސް މިިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެމަތިން، ޤައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ޢަމަލުކުރުމާއި، ބެލެހެއްޓުމާއި، ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ސިޔާސީ ގުޅުން ހިންގޭނީ ހަމައެކަނި އެވަގުތަކު ހުންނެވި ރައީސަށެވެ.

އެހެންކަމުން ބައިނަލްއަގްވާމީ އުސޫލުގައިވާ ގޮތުން ރާއްޖެ ތަމްސީލުކުރުމަށް ބާއްވާ ބައްދަލުވުންތަކާއި، ފޯރަމްތަކާއި، ކޮންފަރެންސްތަކުގައި ރަސްމީކޮށް ބައިވެރިވުމުގެ ހައްގު އޮންނާނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެކަންޏެވެ.

ވީމާ، މި ފޯރަމްގައި ދިވެހި ސަރުކާރުގެ ރަސްމީ ތަމްސީލެއް ނެތްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.