ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ރާއްޖެ އައިސް އުފާވެރި ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވޭގޮތަށް ފަތުރުވެރިކަން ބައްޓަންވާންޖެހޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމްގައި އާދީއްތަ ދުވަހުގެ މެންދުރު ފަހު ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، އެކްސެސިބަލް ޓުއަރިޒަމަށް ރާއްޖެ ފައްކާވާންޖެހޭ ކަމަށެވެ.
ތޮއްޔިބު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ އެތައް މިލިއަން މީހުން އުޅޭއިރު، އެމީހުންނަށް ވެސް މަރުހަބާ ކިޔާ ގައުމަކަށް ރާއްޖެ ވާންޖެހޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރަކަށް އައިސް އެފަދަ ފަތުރުވެެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ އާބާދީގެ 15 އިންސައްތަ ނުވަތަ އެއް ބިލިއަން މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.
ތޮއްޔިބު ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކަކީ އެކްސެސިބަލް ތަންތަނަށް ވާންޖެހޭ ކަމަށެވެ. ބައެއް ރިސޯޓުތަކުން މިބަދަލު ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހުރިހާ ކަމަކީ ފައިސާ ނޫން ކަމަށާއި މިބަދަލު ގެނެއުމުގައި ވިޔަފާރިއަށް ވުރެ ބޮޑަށް ދަރުމަވެރިކަން އިސްކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުހިއްމު ބައެއް ކަމަށާއި އެމީހުންނަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ މާހައުލާއި މުޖުތަމައު ތައްޔާރުވާންޖެހޭ ކަމަށެވެ.
ތޮއްޔިބު ވަނީ މިކަމުގައި ސަރުކާރުގެ ދައުރެއްވެސް އޮންނަން ވާނެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، މިކަމާއި ގުޅޭ އުސޫލުތައް އެކުލަވާލައި ހާއްސަ އިސްކަމެއް ދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރި، އިތުރު 50 އަހަރަށް ކަންކަން ބައްޓަންކުރާއިރު މިކަންކަމަށް ވިސްނުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
ތޮއްޔިބު ވިދާޅުވީ، އެކްސެސިބަލް ޓުއަރިޒަމަށް ރާއްޖޭގެ 10 ވަރަކަށް ރިސޯޓު މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި އެކްސެސިބަލް ޓުއަރިޒަމަށް އަހަރެމެން ރަނގަޅަށް ތައްޔާރުވާ ހިސާބުން ރާއްޖެއަށް އެތައްސަތޭކަ ފަތުރުވެރިންނެއް އަންނަން ބުކިން ހައްދާނެ ކަމަށެވެ.
ދާދިފަހުން ރާއްޖެ އައި ނުކުޅެދުންތެރިކަން ހުންނަ ރަޝިއާގެ 6 ޑައިވަރަކަށް ފުވައްމުލަކުގެ ޑައިވިން ސެންޓަރު "ފުވައްމުލަކު ސްކޫބާ ކުލަބް" ގެ ފަރާތުން ކަނޑުއަޑިއަށް ފީނައި، އެމަހާއުލުގެ ރީތިކަން ބަލާލުމުގެ ފުރުސަތު ދިނުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެމީހުން އެރަށުގައި ހޭދަކުރި ދުވަސްތަކުގައި ޕްރޮފެޝަނަލް އިންސްޓަކްޓަރުންނާއެކު 15 ފަހަރު ފީނަން ދިޔައެވެ.
މިއީ އެންމެ މިސާލެކެވެ. މިފަދަ އެތައް ބަޔަކަށް ރާއްޖޭގައި މިފަދަކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ދެވިދާނެއެވެ. ހަމައެކަނި ބޭނުންވަނީ އެކްސެސިބަލް ފަތުރުވެރިކަމަށް މިހާރަށް ވުރެ ބޮޑަށް ތައްޔާރުވުމެވެ.