ދުނިޔޭގައި އެންމެ ހަލުވި ބާރުމިނެއްގައި ތަރައްޤީވަމުން އަންނަނީ މޮބައިލް ފޯނުގެ ބާވަތްތަކެވެ. މިކަމާ ދެބަސްވާނެ ފަރާތެއް ހުންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް މިފަހަރު މިބަލާލަނީ މޮބައިލް ފޯނުގެ އާ އުފެއްދުމަކަށް ނޫނެވެ. އެހެން ނަމަވެސް މާދުރުނޫން އެފަދަ އެހެން ޢާއިލާއަކަށެވެ. ތަންކޮޅެއް ތަފާތު އެހެން މޮބައިލް ދާއިރާއަކަށެވެ. މޮބައިލްފޯނާއި އާންމު ކެމެރާތަކުން ނަގާ ފޮޓޯއާއި ވީޑިއޯ ދުރުންނާއި އުހުންނާއި އަދި އިންސާނުންނަށް ނުދެވޭ އަދި ނުވަދެވޭ ހިސާބުތަކުން ފަސޭހަކަމާއެކު ފޮޓޯއާއި ވީޑިއޯކުރާ އުފުލާ ގެންގުޅެވޭ ޒާތުގެ "ގެޖެޓްސް" އަކަށެވެ. އެފަދަ އާލާތްތަކަށް ގެނެވިފައިވާ މުހިންމު ކުރިއެރުންތަކަށެވެ.

މިޒާތުގެ އާލާތްތަކަށްވެސް ވަރަށް ހަލުވި ބާރުނިމެއްގައި މިއަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތައް ގެނެވިފައި އެބަހުއްޓެވެ. ކޮންމެ އަހަރަކުވެސް މިފަދަ އާލާތްތަކަށް ހިތަށް ނުގެނެވޭހާ ބޭނުންތެރި އާސިފަތަކާއި ބަދަލުތަށް ގެނެވެމުންދެއެވެ. މީހުންގެ ހިތްތަށް ކުރިޔަށް ނުކުންނަން ހުރި އާސިފަތަށް ދެނެގަނެ ތަޖްރިބާކުރުމަށް ކެތްމަދު ކުރުވައެވެ. މީހާގެ ހިޔާލާއި ފިކުރު މިކަމަށް މުޅިން ލަންބާލައެވެ. މިކަމަށް ދިގު އިންތިޒާރުތައް ކުރަންޖެހޭ ފަހަރުވެސް މަދެއްނޫނެވެ. މީހުން މިއާ ދޯޅުކުރުވާ ގައިގޯޅިކުރުވާ ރައްޓެހި ރަހުމަތްތެރި ހިތްކިޔާ ޒާތުގެ އަސަރުގަދަ އެތައް ބަދަލުތަކެއް މިފަދަ އާލާތްތަށް ކޮންމެ ފަހަރަކު އަލަށް ބާޒާރަށް ނެރޭއިރު އެއާއެކު ފަރުމާކުރެވިފައި ހުރެއެވެ.

މީގެތެރެއިން ބައެއް ގެޖެޓްސްއާ ނުލައި މީހާގެ ވަޒީފާއާއި، ހުސްވަގުތު ފުރިހަމަ ނުކުރެވޭ ދަރަޖައަށްވެސް މިފަދަ ބަދަލުތަށް ގެނެވިފައި އެބަހުއްޓެވެ.

ކޮންމެއަކަސް އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ އަބަދުވެސް މިފަދަ ވަސީލަތްތަށް ސީދާ މީހާގެ "،މޫވްމެންޓްސް" ނުވަތަ ހަރަކާތްތަކާއި ގުޅުވިފައި ހުންނަ ކަމެވެ. މީހާ އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރުވެސް އެމީހާގެ "ބެކްޕެކް" ނުވަތަ ފުރަގަހު ދަބަސް ނުވަތަ ޖީބަށްލައިގެން މީހާއާ ވަކިނުކޮށް ގެންދެވޭ އަދި ގެންގުޅެވޭ ގޮތަށް މިތަކެތީގެ ސައިޒުތަކާއި ބައްޓަން ހިފެހެއްޓުމާއި، އެއް އަހަރުން އަނެއް އަހަރަށް ގެންނަމުންދާ އާދަޔާ ކުރިއެރުން ތަކެވެ.

2022 ވަނަ އަހަރު އެންމެ ބޮޑެތި ބަދަލުތަށް އަސްފައިފައިވާ އެއް ބާވަތަކީ "ޑްރޯން" އެވެ. މިޒަމާނުގައި ޑްރޯން ބޭނުންކުރާ ދާއިރާތައް މަދައްވެސް ނޫނެވެ. ކަނޑާއި އެއްމުގައި ގެއްލޭ އުޅަނދުފަހަރު ހޯދުމާއި ސަލާމަތްކުރުން އެއަށް ހިނދުން ހިނދަށް ފާރަވެރިވުން، ބިޒީ މަގުތަކުގެ ޓްރެފިކް ދެނެގަތުން، ތަފާތު ހިސާބުތަކުގެ ފިނިހޫނުމިނާއި ވަޔާއި އަވި އަދި ތަފާތު މޫސުމީ ބަދަލުތަށް ދިރާސާކުރުން، އަލިފާން ރޯވާ ސަރަހައްދުތައް ދެނެގަނެ އަލިފާން ނިއްވުމަށް އެހީތެރިވުން، އަމިއްލަ ހޮބީއެއްގެ ގޮތުގައި ފޮޓޯއާއި ވީޑިއޯކުރުން އަދި ހަމަ އެހެންމެ ފިލްމު އުފެއްދުމާއި، ބްރޯޑްކާސްޓިން ދާއިރާގެ ޚަބަރާއި، ޕްރޮގްރާމް އުފެއްދުމާއި މިހެންގޮސް އެތައް އެތައްކަމެއް މިފަދަ ޑްޜޯންތަކުގެ އެހީގައި މިޒަމާނުގައި ކުރެވެމުން ގެންދެއެވެ.

ދުނިޔޭގައި ޑްރޯން އުފައްދާ މައްޝޫރު އެތައް ކުންފުންޏެއް މިއަދު އުޅޭއިރު މީހުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ މަދު ކުންފުނިތަކުގެ ތެރޭގައި ފަހަކަށްއައިސް އެންމެ މަޝްހޫރުވެގެން ގޮސްފައި މިވަނީ ޑީޖޭ،އައި ކުންފުންޏެވެ. މިކުންފުނިން މިއަހަރުތެރޭވެސް ފާހަގަކޮށްލެވޭ އެތައް ޑްރޯންއެއް ބާޒާރަށް ނެރުނެވެ. މުޅިން އަލަށް ބާޒާރަށް ނެރުނު މޮޑެލްތަކާއި އަދި ކުރީގެ މޮޑެލަތަކަށް ގެނުވުނު އީޖާދީ ކުރިއެރުންތަށްވެސް އެހާމެ ގިނައެވެ.

މިފަހަރު މިލިޔުން މިހާއްސަކޮށްލަނީ މިއަހުރުގެ ތެރޭގައި ނެރުނު އެންމެ ކުޑަ އެންމެ ލުއި ޑްރޯން އަށެވެ.

12KM ބާރަ ކިލޯމީޓަރ ނުވަތަ 7 މޭލު ދުރުމިނަށް އުދުއްސާލެވޭ މިޑްރޯން އެއްވެސް ހުއްޓުމެއްނެތި 7 މިނެޓުވަންދެން ވައިގެ ތެރޭގައި އުދުއްސާފައި ބޭއްވެއެވެ. އިތުރު ބެޓެރިއަކާއެކު ގާތްގަނޑަކަށް 30 މިނިޓުވަންދެން ބޭއްވިދާނެއެވެ. މިޑްރޯންގެ ދުވެލި ގާތްގަނޑަކަށް ގަޑިއަކު 57km/hr ފަންސާސް ހަތްކިލޯމީޓަރަށް އިތުރުކޮށް ވައިގެތެރޭގައި ގެންގުޅެވެއެވެ. 12.1MP “މެގަޕިކްސެލްސް" ގެ 90 ޑިގްރީއަށް ދެފަރާތަށް އަނބުރާލެވޭ ކެމެރާއަކާއެކު ފޮޓޯ ނުވަތަ ވީޑިއޯ ކޮލިޓީއަށް ބަދަލެއް ނުގެނެސް ސީދާ ސޯޝަލްމީޑިއާއި ހިއްސާކުރެވެއެވެ. މިކެމެރާއާއެކު މިކުޑަކުޑަ ޑްރޯންގެ މުޅި ބަރުދަނުގައި ހުންނަނީ ހަމަ އެންމެ 249g ދުއިސައްތަ ސާޅީސް ނުވަ ގްރާމެވެ. މިއީ އާއްމުކޮށް ގޭތެރޭގައި ގެންގުޅޭ އާދައިގެ އިސްތިރިއެއް ނުވަތަ "އައިފޯން 13 ޕްރޯ މެކްސް" އެއްގެ ބަރުދަނެވެ.

ޑްރޯންސްއަކީ އާއްމުގޮތެއްގައި ފަޓުލޫނު ޖީބަށް ލައިގެން އުޅޭއެއްޗެއް ކަމުގައި ނުވިޔަސް، މީތި ޖީބަށްލައިގެންވެސް އުޅެވިދާނެޔޭ ބުނެވިދާނެއެވެ، މިހެން މިބުނީ މީތި ފަތްޖަހާލީމާ ދިގުމިނުގައި ހުންނަނީ އެންމެ 6 އިންޗި އަދި ފުޅާމިނުގައި 3.5 އިންޗިއެވެ. ފިޔައެއް ބިންދާނުލާ ޖީބުގައި ގެންގުޅެވޭނަމަ ހަމަ ޖީބަށްވެސް ލާންވީއެވެ.

މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެންހުރި މިނީ ނުވަތަ "ލުއި އަދި ކުދި" ފަންތީގެ ޑްރޯންގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ގިނަ ބޭނުންތެރި ސިފަތައް އެކުލެވޭ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ޑްޜޯންގެ ގޮތުގައި ނޫސްމަޖައްލާތަކުގައި ޝާއިއިކުރެވިފައި ވަނީވެސް ހަމަ މިޑްރޯންއެވެ. މީތި އެވެރެޖޮކޮށް މިވަގުތު ބާޒާރުގައި ލިބެން ހުރީ (1000-1200) ބަރަސަތޭކަ އާއި އެއްހާސް އެމެރިކާ ޑޮލަރާއި ދޭތެރޭ އަގެއްގައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 20،000 ވިހިހާސް ދިވެހި ރުފިޔާއަށެވެ. މިޑްރޯން އާއި އެކުގައި "ކޮންބޯ ޕްލަސް" ޕެކޭޖްގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރިމޯޓް ކޮންޓްރޯލަރ، ދުރަށް އުދުއްސަން ބޭނުންކުރާ ފްލައިމޯ ކިޓް، ލޭންޑިން ޕްލެޓްފޯމް، 128 ގީބީގެ އެސްޑީކާޑް އަދި ލޭންޑިންގ ގިއަރު ފަދަ އިތުރު ސާމާނު ތަކެކެވެ.

"ޑީޖޭ،އައި މިނީ ޕްރޯ" ފުރަތަމަ ބާޒާރަށް ނެރެވުނީ މިހިނގާ 2022 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. މިޒާތުގެ ކުދި އަދި ލުއި ބާވަތްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ނެރުނު "ޑީޖޭ،އައި މެވިކް ޕްރޯ" އާއި އަޅާ ކިޔާއިރު މީތީގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއްސިފަޔަކީ މިޑްރޯންއިން ސިކުންތަކު 100 މެގަބިޓްސްގެ ހަލުވި ބާރުމިނުގައި 4K ނުވަތަ 4000 ޕިކްސެލްސް (3840x (2160 ސާފު ވީޑިއޯ ޝޫޓުކުރުމުގެ ޤާބިލުކަން މިޑްރޯންއިން ހޯދައިފައި ވުމެވެ.

މިޒަމާނު އާންމުކޮށް ޓީވީއިން ފެންނަ ހައި ޑެފިނީޝަން މަނަޒަރު ނުވަތަ HD ވީޑީއޯ އަށްވުރެ 4K އަކީ 4 ގުނައަށް ސާފްކޮށް މަންޒަރު ފެންނަ ވީޑިއޯގެ ބާވަތަކަށް ކިޔާ ނަމެކެވެ. މިއީ މިބާރުމިނުގައި، މިހާ ސާފޮކޮށް މީގެކުރިން މިޒާތުގެ ކުދި ލުއި ޑްރޯންތަކަށް ހޯދިފައިވާ ކުރިއެރުމެއް ނޫނެވެ. އެހެންނަމަވެސް މިއާއިލާގެ ތަންކޮޅެއް ބަރު ބޮޑެތި ޑްރޯންތަކުން މިހާރުވެސް ވަރަށް އާދަޔާ ޚިލާފު ހައި ކޮލިޓީ ވީޑިއޯ ޝޫޓުކޮށް ހަދައެވެ.

އާންމުށް ބާޒާރުގައި މިވަގު ލިބެންހުރި ޑްޜޯންތަކަށްވުރެ ތިންގުނަ ލުއި މިޑްރޯންއަކީ މީހާ ދަތުރުކުރާ ކޮންމެ މަންޒިލަކަށްވެސް މޮބައިލްފޯނުފަދައިން ގެންދެވޭ އެއްޗަކަށްވުމީ މީތީގެ މަޤްބޫލުކަން އިތުރުވެގެންދިޔަ އެންމެ މައިގަނޑު ސަބަބެވެ.