ޤަތަރު ވޯލްޑް ކަޕް | 27 ނޮވެމްބަރު 2022 | ގުރޫޕް އީ ގެ 4 ވަނަ މެޗު: ސްޕެއިން އަދި ޖަރުމަން
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ އެންމެ ވާދަވެރި މެޗު، ސްޕެއިނާއި ޖަރުމަނުގެ މެޗު އެއްވަރުވެ އެގުރޫޕް އިތުރަށް ވާދަވެރި ވެއްޖެއެވެ.
ޤަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އާދީއްދަ ދުވަހުގެ ރޭ ކުޅުނު އެމެޗަށް ނުކުތްއިރު ޖަރުމަން އޮތީ ޕްރެޝަރެއްގައެވެ. ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ޖަޕާންއާ ވާދަކޮށް 2-1 އިން ވަނީ ބަލިވެފައެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ޖަރުމަނުން އަލުން އެތާރީހު އިޔާދަވުމަށްވެސް ބޭނުން ނުވާނެއެވެ. މުބާރާތުގެ ކުރިއަށްދާން ޖަރުމަނަށް މޮޅުވުން ކޮންމެހެން މުހިންމުވެފައެވެ.
އަނެއްކޮޅުން ސްޕެއިން މެޗަށް ނުކުތީ ހިތްހަމަޖެހުމަކާ އެކުގައެވެ. ސްޕެއިންގެ ފުރަތަމަ މެޗުގައި ކޮސްޓަ ރިކާ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކާ އެކު ގުރޫޕްގެ އެއްވަނައިގައި އޮވެގެނެވެ.
މެޗު ފަށައިގެން ސްޕެއިންއިން ކުޅެމުން ދިޔައީ އެމީހުންގެ އާންމު ކުޅުމުގައި ކުދި ޕާސްތައް ދީގެން ބޯޅަ ހިފަހައްޓައިގެންނެވެ. ސްޕެއިންގެ ޑިފެންސްލައިންގައި ގިނަ ޕާސްތަކެއް ޖަހަމުން ކުއްލިއަކަށް ބޯޅަ ކުރިއަށް ގެންގޮސްގެން އެޓޭކް އުފެއްދުމުގެ ޓެކްޓިކްސްގައި ފުރަތަމަ ހާފުގެ ކުރީކޮޅު އެޓީމަށް ރަނގަޅު ފުރުސަތުތަކެއްވެސް ލިބުނެވެ. އަދި ފަހަތުގައި ޕާސްދެމުން ދަނިކޮށް ބޯޅަ ގެއްލި، ޖަރުމަނަށް ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބި ގެއްލިފައިވެއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިއަށް، މެޗުގެ 40 ވަނަ މިނިޓުގައި ޖަރުމަނަށް ލިބުނު ހިލޭ ޖެހުމަކުން، ކިމިޗް ނަގައިދިން ހުރަހެއް އެޓީމުގެ ޑިފެންޑަރު ރުޑިގާ ސްޕެއިންގެ ގޯލްގެ ތެރެއަށް ފޮނުވާލިއެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޑް ރެފްރީ (ވީއޭއާރު) މެދުވެރިކޮށް ބެލިއިރު ރުޑިގާ ހުރީ އޮފްސައިޑްގައެވެ. އެހެންވެ އެގޯލު ގުނާފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން އިތުރު ހަމަލާތަކެއް ޖަރުމަނުގެ ގޯލަށް ފޮނުވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 62 ވަނަ މިނިޓުގައި ސްޕެއިންގެ ފުރަތަމަލަނޑު ޖަހައި ލީޑް ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަލްވާރޯ މޮރާޓާއެވެ. މޮރާޓާ މިލަނޑު ކާމިޔާބުކުރީ، ޖޯޑީ އަލްބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަރުމަނުގެ ޑިފެންޑަރުންނަށް ވުރެ ބާރު ދުވެއްޔެއްގައި ގޮސް ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެންނެވެ.
މިލަނޑަށް ފަހު ޖަރުމަނުގެ ކޯޗު ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އިލްކޭ ގުންޑޮގެންގެ ބަދަލުގައި ލެރޯއީ ސާނޭ އެރުވިއެވެ. ތޮމަސް މުލާގެ ބަދަލުގައި ނިކްލަސް ފުލްކަގް އެރުވިއެވެ. ގްނޭބްރީގެ ބަދަލުގައި ޖޮނަސް ހޮފްމަން އަދި ޑޭވިޑް ރައުމްގެ ބަދަލުގައި ނިކޯ ސްކްލޮޓަބާގްއެވެ. އެއަށް ފަހު ޖަރުމަނުގެ ފަރާތުން ހަލުވި ކުޅުމެއް ފެނުނެވެ. ލަނޑުޖަހާނެ ވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އެކަމަކު ވީ ބޭކާރެވެ.
ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވި ކުޅުންތެރިންނާއި ޖަރުމަނުގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާއާ މުސިއާލާ ގުޅިގެން ތަފާތު ކުޅުމެއް އެއަށް ފަހު ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ސްޕެއިންގެ ޑިފެންސްލައިންގެ ކުޅުންތެރިން ކައިރިން ނައްޓަން ވެގެން މުސިއާލާ ކުރި މަސައްކަތެއްގެ ތެރެއިން، ފުލްކަގަށް ސްޕެއިންގެ ގޯލްގެ ތެރެއަށް ފޮނުވާލަން ލިބުނު ފުރުސަތުގައި ލަނޑު ކާމިޔާބުކުރިއެވެ.
މިނަތީޖާއާއެކުވެސް ސްޕެއިން އޮތީ ގުރޫޕް އީގެ އެއްވަނައިގައެވެ. ސްޕެއިނަށް 4 ޕޮއިންޓާއެކު ފައިދާ ހަތްގޯލް ލިބެއެވެ. ގުރޫޕް އީގެ ދެވަނައިގައި ޖަޕާން އޮތީ 3 ޕޮއިންޓާއެކު ފައިދާ ގޯލެއް ނެތިއެވެ. ތިންވަނައިގައި އޮތް ކޮސްޓަ ރިކާއަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު ގޯލް ފަރަގުގައި އޮތީ 6 ލަނޑުގެ ގެއްލުމެކެވެ. ޖަރުމަނު ގުރޫޕްގެ އެންމެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.
މިގުރޫޕްގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިއިން ކޮންމެ ޓީމަކަށްވެސް އެބަ އޮތެވެ. ޖަރުމަނު ދެން ބައްދަލު ކުރާނީ ކޮސްޓަރިކާއެވެ. އަދި ސްޕެއިން ބައްދަލުކުރާނީ ޖަޕާންއާއެވެ.