އެމްއެންޑީއެެފްގެ މެޑިކަލް ކޯރއިން "މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން"ގެ ނަމުގައި އުސޫލެއް އިފުތިތާހު ކޮށްފިއެވެ.

މި އުސޫލު އިފްތިތާހް ކުރީ އެމްއެންޑީއެފް މެޑިކަލް ކޯރއަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފުލާގައެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޙާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

"މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލަކީ، ސިފައިންގެ ވަޒީފާއަށް މީހުން ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެ މީހަކީ ޞިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ އަދި ޞިއްޙީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ.

މި އުސޫލު އިފުތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

އޭގެއިތުރުން، މި ހަފުލާގައި ޑިފެންސް މިނިސްޓަރ ވަނީ، ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން އެމްއެންޑީއެފް މެޑިކަލް ކޯރއަށް އެހީތެރިކަން ފޯރުކޮށްދެއްވި މަދަދުގާރުންނަށް ހަނދާނީފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި، ހަފުލާގައި ދެއްވި ޚާއްޞަ އެވޯޑުތަކުގެ ތެރެއިން، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޕްރައިވެޓް އޮފް ދަ އިޔަރއާއި، އެންސީއޯ އޮފް ދަ އިޔަރއާއި، ވޮރަންޓް އޮފިސަރ އޮފް ދަ އިޔަރގެ އިތުރުން، އޮފިސަރ އޮފް ދަ އިޔަރއާއި، ސިވިލް އެމްޕްލޯ އޮފް ދަ އިޔަރ އަދި ސިވިލް މެޑިކަލް އޮފް ދަ އިޔަރއަށް އެވޯޑް ހަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

އަދި، ޑެޑިކޭޓެޑް ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި ސިވިލް ސްޕެޝަލިސްޓް ޑޮކްޓަރުންނަށާއި، ފާހަގަކޮށްލެވޭ ސިވިލް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ، 20 އަހަރަށްވުރެ ގިނަ ދުވަހު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިންނާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިންނަށް ދެއްވި "ލޯންގް ސަރވިސް އެވޯޑް" ރޭގެ ހަފުލާގައި އެ ފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.

އޭގެ އިތުރުން، ހަފުލާގައި ހަވާލުކުރި އެހެނިހެން އެވޯޑުތަކުގެ ތެރޭގައި ހިމެނޭ، "އެސްޕްރިޓް ޑި ކޯރ" އެވޯޑާއި، ބަލިމީހުންނަށް އެހީތެރިވާ ސަރުދާރުގެ ލަޤަބާއި، ބެސްޓް ޝޫޓަރ އެވޯޑާއި، ފިޓެސްޓް އެވޯޑުގެ އިތުރުން ބިގެސްޓް "ލޫޒަރ" އެވޯޑް ލިބިވަޑައިގެންނެވި ފަރާތްތަކަށް ވެސް އެވޯޑްތައް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއެވެ.

މި ހަފުލާގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފް މެޑިކަލް ކޯރގެ ސަރޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދާއި، ސީނިއަރ އޮފިސަރުންގެ އިތުރުން މެޑިކަލް ކޯރގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.