ވޭތުވެދިޔަ 4 އަހަރަށް ބަލާއިރު، ބޮޑުބައެއް ހޭދަކުރަން ޖެހުނީ ކޮވިޑްގެ ދަތި އުނދަގޫ ޙާލަތުގެ ތެރޭގައި ކަމަށާއި، ކޮވިޑްގެ ނުރައްކާތެރި ޙާލަތުން އަރައިގަތުމަށް އެހީތެރިވުމުގޮތުން ސިފައިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ، ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި، ސެނަހިޔަ ހޮސްޕިޓަލްގެ ފްލޫ ކްލިނިކްތަކުން، 24 ގަޑިއިރު ހުއްޓުމެއްނެތި ޢާއްމު ރައްޔިތުންނަށާއި ސިފައިންނަށް ފޯރުކޮށްދިން ޚިދުމަތްތަކަކީ، ތަޢުރީފް ހައްގު ޚިދުމަތްތަކެއް ކަމަށެވެ.
އަދި ސިފައިންގެ ވެލްފެއަރގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކޮމްޕޯނަންޓަކީ ސިފައިންގެ ދުޅަހެޔޮ ސިއްޙަތު ކަމަށާއި، ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގައި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ އެންމެ މުހިންމު އެއް ބައިވެރިޔާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވި، ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކަށް ސިފައިން ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަވާފައިވާއިރު، މެޑިކަލް ކޯރއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ކޮންސަލްޓްކުރައްވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޢަދަދު 11 އިން 54 އަށް އިތުރުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި އެމްއެންޑީއެފް މެޑިކަލް ކޯރއަކީ، ޢަދަދުގެ ގޮތުން އެންމެ މީހުން މަދު ސަރވިސްކަމުގައި ވިޔަސް، މި މުއްދަތުގެ ތެރޭގައި ވެސް، އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތައް ހިމެނޭހެން، މެޑިކަލް ކޯރގެ 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ހޯއްދަވައިދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޞިއްޙީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކުރެވިފައިވާ މަސައްކަތުގައި ސިފައިންގެ އެކި ޔުނިޓްތަކަށް މެޑިކަލް ކޯރއިން ހިންގި ތަފާތު 29 ކޯހެއްގައި 801 ސިފައިން ތަމްރީނުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ، މިރޭ އިފުތިތާހުކުރެވުނު "މެޑިކަލް ސްޓޭންޑަރޑްސް ފޮރ އެންލިސްޓްމެންޓް އެންޑް ރިޓެންޝަން" އުސޫލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިނިސްޓަރ ވިދާޅުވީ، އެ އުސޫލަކީ، މެޑިކަލް ކޯރއާއި އެމްއެންޑީއެފްގެ ކުރިއެރުމަށް އިތުރުކުރެވިގެން ދިޔަ ބޮޅެއް ކަމަށާއި، ދިވެހި އަސްކަރިއްޔާއަކީ، ޞިއްޙީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް "ފައިޓިންގ ފިޓް" ލަޝްކަރެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަމަށެވެ.
އަދި، އޭގެ ސަބަބުން ސިފައިންގެ ވަޒީފާއަށް މީހަކު ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި ދެމި ހުންނައިރު، އެމީހަކީ ސިއްޙީގޮތުން ވަޒީފާއަށް އެކަށޭނަ، އަދި ޞިއްޙީގޮތުން ޤާބިލު މީހެއްތޯ ދެނެގަނެ، އެކަން މޮނިޓަރކޮށް ބެލޭނެ އިންތިޒާމްތައް މި އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ.