ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިޔާ ފުލެޓުތައް ދޫކޮށްލި މީހުންނާއި ގުޅީފަޅުންނާއި އަދި ސީލައިފުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ނުހިމެނޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ އިއްޔެ އާއްމުކޮށްފައިވާ ވަގުތީ ލިސްޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލައި އެ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ.
އެ ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ވިނަރެސް މަޝްރޫއިން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް އެ ލިސްޓުގައި ނުހިމެނޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކޯޕަރޭޝަނުން ވަނީ ހިޔާ ފުލެޓުތަކުން ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވިނަރެސް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައެވެ.
އަދި ގުޅީފަޅުން ނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ދީފައެވެ. އިއްޔެ އާންމުކުރި ލިސްޓުގައި މި ދެންނެވި އެއްވެސް ފަރާތްތަކެއްގެ ނަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ދެއެވެ.
މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިނަރެސް މަޝްރޫއިން ވަކި އަދަދެއްގެ ފުލެޓުވަނީ މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި މާލޭ ރައްވެހިންނަށް ހާއްސަ ކޮށްފައެވެ.
އެގޮތުން މާލޭގައި ދިރިއުޅޭތާ މަދުވެގެން 15 އަހަރު ވެފައިވާ ފަރާތްތަކަށާއި މާލޭގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެންނެވެ. އަދި މިނިސްޓްރީއިންވަނީ ފުލެޓަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ އިންތިޒާމެއް ކަނޑައަޅާފައެވެ.
މިއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތަކަށް ފުލެޓު ދިނުމަށް މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅާފައިވާ ޝަރުތުތަކެކެވެ.
ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ތަރައްގީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މިމަޝްރޫއުއަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހިނގަމުންދާ މަޝްރޫއެކެވެ. ވިނަރެސް ފްލެޓް މަޝްރޫއުގައި ޖުމްލަ 1،344 އެޕާޓްމަންޓް ހުންނަ ގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. މިތަނުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މިއެޕާޓްމަންޓްތަކުގައި ތިން ކޮޓަރި އަދި ތިން ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.
ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެއެވެ.
ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގައެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.